19 Aug 2010, 08:49
13:50
މީހުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުން ދީފާނެ ކަމަށް ބިރު ދައްކައި އިންޒާރުދޭ މީހަކަށް، ހަ މަސް ދުވަހާއި ހަތް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލުމުގެ އަދަބު ކަނޑައަޅައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ބިލުގެ ފަހު މަރުހަލާގެ ބަހުސް ރައްޔިތުންގެ މަޖިލިސްގައި ފައްޓަވައިފި އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މި ބިލުގައި، މަގްބޫލު ސަބަބެއް ނެތި އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާއްމު ތަނެއްގައި ގެންގުޅުމަކީ ކުށެއްކަމަށާއި އެ ކުށުގެ އަދަބަކަށް، ހަ މަސްދުވަހާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ވެސް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީގެ ހުއްދައަކާ ނުލައި، މި ބިލުގައި ހަތިޔާރު ކަމަށާއި ތޫނު އެއްޗެހި ކަމަށްބުނާ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމަކީ މަނާކަމެއް ކަމަށާއި އެ ކުށުގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ.
ބައެއް މެންބަރުން މި ބިލަށް ބައެއް އިސްލާހްތައް ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ކުޑަކުތިންނަށް ތޫނު އެއްޗެހި ވިއްކުން މަނާ ކުރުމާއި ތޫނު އެއްޗެހި ގެންގުޅެން ޖެހޭ ހާލަތްތަކާއި ސަބަބު ބަޔާންކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާހްތައް ހިމެނެ އެވެ.
ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލުގައި ގޭންގުތައް ތަމްސީލުވާފަދަ ނިޝާންތައް ގެންގުޅުމާއި އެފަދަ އެއްޗެހި ބޭނުން ކުރުން މަނާކޮށް އެފަދަ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ހިމަނައިފަ އެވެ. އަދި ކުލަބް ޖަމްއިއްޔާ ޖަމާޔަތްތަކުގެ ނިވަލުގައި ގޭންގްތަކަށް އެހީވާ ފަރާތްތަކަށް ވެސް ބޮޑެތި އަދަބުތަކެއް ދިނުމަށް ހިމަނާފައިވެ އެވެ. އެގޮތުން އެފަދަ ފަރާތްތަކަށް މާލީ އަދި އެހެނިހެން އެހީތެރިވެދޭ ފަރާތްތައް ދެ ލައްކަ ރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ހިމަނައިފަ އެވެ. އަދި އެކަމެއްކޮށްފައި ވަނީ ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކުން ނަމަ ހަތްލައްކަ ރުފިޔާ އާއި ތިންލައްކަ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށާއި ހުއްދަ ބާއިލް ކުރުމަށް ވެސް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ގޭންގުތަކަކީ ކޮބައި ކަމާއި އެކަމާގުޅޭ އެކި ކަންކަމަށް ހުރި އަދަބުތަކާއި ފުލުހުން އަޅަންވީ ފިޔަވަޅުތައް ވެސް އެ ބިލުގައި ހިމަނައި ބޮޑެތި ބާރުތަކެއް މި ބިލުން ފުލުހުންނަށް ވަނީ ދީފައި އެވެ.