26 Jun 2012, 23:43
މަސްތުވާތަކެތީގެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުން "ޑްރަގް ކޯޓު"ގެ ނަމުގައި އައު ކޯޓެއް އުފެއްދީ ޖުޑިޝަރީއާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ޑުރަގް ކޯޓުގެ އައު ވެބްސައިޓް ލޯންޗް ކުރުމަށް ޑްރަގު ކޯޓު އިމާރާތުގައި މިރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަޖިލީހުން ޖުޑީޝަރީ ތެރެއަށް އައު ކޯޓެއް އިތުރުކުރުމުގެ މަސައްކަތްކުރި އިރު ޖުޑީޝަރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށާއި އޭގެ ސަބަބުން އައު ކޯޓެއް ޖުޑިޝަރީއަށް އިތުރުވާތީ ވާން ޖެހޭ ތައްޔާރީއެއް ވެވިފައި ނުވާ ކަމަށެވެ.
"ރާއްޖޭގެ ޖުޑިޝަރީ ނިޒާމްގެ ތެރެއަށް ޑްރަގް ކޯޓެއް ވަދެގެން އައީ ހަގީގަތުގައި ޖުޑިޝަރީއާ މަޝްވަރާ ކުރުމެއް ނެތި. ޖުޑިޝަރީ ތެރެއަށް ކޯޓެއް ވަދެގެން އަންނަ އިރު އިދާރީ ގޮތުންނާއި ފައިނޭންޝިއަލީ ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރޭ. އުމުރާނީ ގޮތުން ވެސް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ. އެހެން ނަމަވެސް ޖުޑިޝަރީއާ ގުޅުމެއް ނެތި ވަކިން މި ކޯޓު އުފެދިގެން އައީތި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ނުވެވުނު،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި އެގޮތުން އެ ދަތިކަން ގްރަގް ކޯޓު ހިންގުމުގައި ވެސް ދިމާވެފައިވާ ކަމަށެވެ.
އަދި ޑްރަގް ކޯޓު އުފެއްދުމާ ގުޅިގެން ޑްރަގް ކޯޓަށް ބޭނުންވާ ބަޖެޓާއި ކޯޓު ހިންގާނެ އިމާރަތެއް ހޯދެއްވުމަށް ސަރުކާރާ ވާހަކަ ދައްކައިގެން ލިބުނު އިމާރާތަކީ ވެސް ކޯޓެއްގެ ގޮތުގައި ބޭނުން ކުރުމަށް އެންމެ ރަނގަޅު އިމާރާތެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި މި އަހަރުގެ ދައުލަތުގެ ބަޖެޓުން ޖުޑިޝަރީއަށް ކަނޑައެޅި ބަޖެޓްގައި ޑްރަގް ކޯޓު ހިންގުމަށް ބޭނުންވާ ބަޖެޓް ކަނޑައަޅާފައި ނެތުމުން ބަޖެޓް ހޯދެއްވުމަށް ވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގެން ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
އަދި އުއްތަމަފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިމާރާތުގެ ދަތިކަން ދިމާވެފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދާ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް އަހްމަދު ފާއިޒު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަން މިހާރު ޑުރަގް ކޯޓު ހިންގުމަށް ފަންހިޔާގައި ދީފައިވާ މި އިމާރާތަކީ ކޯޓެއް ހިންގުމަށް އެންމެ ރަނގަޅު އިމާތެއް ނޫން،" ވަގުތީ ގޮތުން ޑްރަގް ކޯޓް ހިންގަން ދީފައިވާ އިމާރާތަށް އިޝާރަތް ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޑްރަގް ކޯޓަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ކޯޓެކެވެ.