26 Jun 2012, 23:01
ބްރޯޑްކާސްޓު ކުރުމާއި ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ބޭރުގެ ކުންފުނިތަކަށް ނުދިނުމަށާއި ބޭރު ބަޔަކު ހިއްސާވާ ރާއްޖޭގެ ކުންފުނިތަކަށް ވެސް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޭން ނުފެންނަ ކަމަށް ބްރޯޑްކާސްޓު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި އެވެ.
ބްރޯޑްކާސްޓު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ. އެ އިސްލާހުގައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 25 ވަނަ މާއްދާ އަށް (ނ) އިތުރު ކުރުމާއި 29 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމެވެ.
އިސްލާހުތަކުގައި ކަނޑައަޅާފައި ވަނީ ސައްތައިންސައްތަ ދިވެހި ހިއްސާ ދާރުން ހިމެނޭ ކުންފުންޏަކަށް ފިޔަވައި ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމާއި ރި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދެވިގެން ނުވާނެ ކަމަށެވެ.
ބިލް ހުށަހެޅުއްވި މަގުސަދު ކަމަށް ރިޒާ ވިދާޅުވީ ބްރޯޑްކާސްޓު ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ބްރޯޑްކާސްޓު ކުރުމުގެ ސިނާއަތުގައި ބޭރުގެ ކުންފުނިތަކުން އެއްވެސް ހުރަހެއް ނެތި އިންވެސްޓް ކުރެވޭނެ ކަމަށެވެ. އަދި ބްރޯޑްކާސްޓު ކުރުމުގެ ފުރުސަތު ބޭރުގެ ކުންފުނިތަކަށް ލިބިގެންވާ ނަމަ ދިވެހި ރާއްޖެ އަށް އިގްތިސާދީ ގޮތުނާއި ސިޔާސީ ގޮތުންނާއި އިޖުމާއީ ގޮތުން ވެސް ފޫނުބެއްދޭ ވަރުގެ ބޮޑެތި "ސީރިއަސް" ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.
"މުޅި ދިވެހިންގެ ކޮންޓްރޯލްގެ ދަށުގައި، ދިވެހިންގެ އަތްމަތީގައި އޮންނަން ޖެހޭ އެއް ސިނާއަތަކީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމާއި ރީ ބްރޯޑްކާސްޓު ކުރުމުގެ ސިނާއަތެވެ. ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓު ކުރުމުގެ ބޭރުގެ ކުންފުނިތަކަށް ފަހިވެފައި އޮވެއްޖެ ނަމަ، އޭގެ ނަތީއްޖާ އަކަށް ވާނީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއް ލިބުމެވެ،" ގާނޫނަށް އިސްލާހު ހުށަހަޅުއްވި ސަބަބު ބަޔާންކޮށްދެއްވަމުން ވިދާޅުވި އެވެ.