އެއްޕެންޝަނަށް ވުރެ ގިނަ ޕެންޝަން ލިބޭ ފަރާތްތައް ނޫނީ ޑަބަލް ޕެންޝަން ލިބޭ ފަރާތްތައް ގިނަވުމުގެ ސަބަބުން ދިގު މުއްދަތަކަށް ޕެންޝަން ސްކީމް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުމުގެ ބިރު ހީވެފައިވާ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ބުނެފި އެވެ.

ރިޓަޔަމަންޓް ޕެންޝަންގެ ގާނޫނުގެ ދަށުން ވަޒީފާއިން މުސްކުޅި ކުރާ ކޮންމެ ފަރާތަކަށް ޕެންޝަން ދިނުން ގާނޫނުގެ ދަށުން ލާޒިމް ކުރެ އެވެ. އަދި އޭގެ ބޭރުން މުއައްސަސާތަކުގެ ގާނޫނުގެ ދަށުން ޕެންޝަން ލިބޭނެ ގޮތްތަކެއްވެސް ވަނީ ހަމަޖެހިފަ އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސެން މަނިކު މިއަދު ވިދާޅުވީ އެ އޮފީހުން ކޮންމެ މަހަކުވެސް ގިނަ ބަޔަކަށް އެއް ޕެންޝަނަށް ވުރެ ގިނަ ޕެންޝަނަށް ފައިސާ ދޫކުރަން ޖެހިފައިވާ ކަމަށާއި އޭގެ ސަބަބުން މިއަހަރު ޕެންޝަނަށް ކުރާ ހަރަދު 800 މިލިއަން ރުފިޔާއަށް ވުރެވެސް އިތުރުވާނޭ ކަމަށެވެ. މަނިކު ވިދާޅުވީ 2020 ވަނަ އަހަރު އެ އަދަދު އެއް ބިލިއަނަށް އަރާނެ ކަމަށާއި 2022 ވަނަ އަހަރު ޕެންޝަނަށް ކުރާ ހަރަދު ދެ ބިލިއަނަށް އުފުލޭނެ ކަމަށެވެ.

"މިސާލަކަށް މުސްކުޅި ކުރުމުގެ އިނާޔަތް، ފަނޑިޔާރުން މުސްކުޅި ކުރުވީމަ ދެވޭ އިނާޔަތް. ފޮލިހުންގެ ގާނޫނުގެ ދަށުން ދެވޭ ހާއްސަ އިނާޔަތް. އެމްއެންޑީއެފްގެ ދަށުން ދެވޭ ހާއްސަ އިނާޔަތް ދެމުން އެބަ ގެންދެވޭ، މީގެ ސަބަބުން އެކަކަށް އެއް ޕެންޝަނަށް ވުރެ ގިނަ ޕެންޝަން ލިބެމުން ގޮސް ވަޒީފާގައި އުޅުނު ދުވަހަށް ވުރެ މާގިނައިން ބައެއް މީހުން އެބަތިއްބެވި ޕެންޝަން ލިބޭ" މަނިކު ވިދާޅުވި އެވެ. " މި އަހަރު އަދި އަންނަ އަހަރު ދެވިދާނެ މި ގޮތަށް، އެހެން ނަމަވެސް ވަކި ހިސާބަކުން އިނދަޖެހޭނީ މިތަން،"

މަނިކު ވިދާޅުވީ ޑަބަލް ޕެންޝަންގެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރަންޖެހޭ ކަމަށާއި އެ މައްސަލަ ކަމާބެހޭ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ. އަދި ޑަބަލް ޕެންޝަންގެ މައްސަލައިގެ ސަބަބުން ޕެންޝަންގެ ގާނޫނެއް ހެދި ވަކި އޮފީހަކުން އެކަން ކުރުމުގެ މަގުސަދު ގެއްލޭ ކަމަށްވެސް މަނިކު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މައްސަލަ ފިނޭންސްމިނިސްޓްރީއާ އެހެނިހެންވެސް ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން ތައްޔާރުވަމުން މި ދަނީ، މިއީ ވަރަށް އަވަހަށް ހައްލުކުރަން ޖެހޭ މައްސަލަ އެއް، އެހެން ނޫނީ މީގެ ސަބަބުން ނިކުންނަ ނަތީޖާ ނުރައްކާވާނެ،" މަނިކު ވިދާޅުވި އެވެ.

ޑަބަލް ޕެންޝަންގެ މައްސަލަ އެ އޮފީހަށް ބޮޑުވިއިރު ޕެންޝަން ފަންޑުން އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހަނިވުމަކީވެސް ޕެންޝަން އޮފީހަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

އެ ފަންޑަށް މަހެއްގެ މައްޗަށް 50 މިލިއަން ރުފިޔާ ލިބޭއިރު ޕެންޝަން ފަންޑުގައި ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށް ޕެންޝަން އޮފީހުގެ ރިކޯޑްތަކުން ދައްކަ އެވެ. އަދި ޕެންޝަން ސްކީމަށް 71000 މުވައްޒިފަކު ކޮންޓްރިބިއުޓް ކުރަމުން އާދެ އެވެ.