26 Jun 2012, 18:35
ސްރީލަންކާގެ ޖައިކް ހިލްޓަން ރެސިޑެންސްގެ 18 ވަނަ ބުރިން ވެއްޓި މަރުވި ގ. މާވެނި މުހައްމަދު މިދުޝާހު 37،ގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ލަންކާ އިން ނުފުރޭ ގޮތަށް ކޯޓުން އަމުރެއް ނެރެފައިވާ ހަ ދިވެހިން 11،500 އެމެރިކާ ޑޮލަރު ދެއްކުމަށް ކަނޑައަޅައި ކަފާލާތުގެ ދަށުން ލަންކާ ބަންދުން ވީއްލައިފި އެވެ.
ލަންކާގެ ޕޮލިސް ސްޓޭޝަންގެ މައި އިދާރާގެ އެކްޓިންގް ސްޕޯކްޕާސަން ސަންޖީވާ މެއްލަވައްތަ މިއަދު ވިދާޅުވީ މިދުޝާހު މަރުގެ މައްސަލައާ ގުޅިގެން އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހުގައި، އެ މައްސަލައިގެ ތުހުމަތުގައި، ލަންކާ އިން ނުފުރޭނެ ކަމަށް ކޯޓު އަމުރެއް ނެރެފައިވާ ހަ ދިވެހިންގެ މައްޗަށް 11،500 އެމެރިކާ ޑޮލަރު ދެއްކުމަށް ކަނޑައަޅައި ކަފާލާތުގެ ދަށުން އެ މީހުން ލަންކާ ބަންދުން ވީއްލާފައިވާ ކަމަށާއި އެ މައްސަލައިގެ ޝަރީއަތެއް ދެން އެންމެ އަވަހަށް ވެސް އޮންނާނީ މި އަހަރުގެ ސެޕްޓެންބަރު މަހު 10 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ ފައިސާ ކޯޓަށް ދެއްކުމަށް ކޯޓުން ކަނޑައަޅާފައި ވަނީ ކިތައް ދުވަހުގެ ތެރޭގައި ކަމެއް، އަދި އެ މީހުން ލަންކާ ބަންދުން ވީއްލީ ފައިސާ ދެއްކުމުން ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މިދުޝާހުގެ މަރާ ގުޅިގެން ފުލުހުން ފެއްޓި ތަހުގީގުގައި، ހަށިވިއްކި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ލަންކާގެ ދެ އަންހެނުން ވެސް އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހުގައި ކަފާލާތުގެ ދަށުން 50،000 ސްރީލަންކަން ރުޕީސް ދެއްކުމަށް ކަނޑައަޅައި އެ މީހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އަދި އެ މައްސަލާގައި ހިމެނޭ މަޑަގަސްކަރައިގެ އަންހެން މީހާ ވެސް ކަފާލާތުގެ ދަށުން ލަންކާ ބަންދުން ވީއްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަން މީޑިއާ ގްރޫޕަށް މައުލޫމާތު ލިބިފައިވާ އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހަށް މިދުޝާހުގެ ޕޯސްޓްމޯޓަމްގެ އެޓޮޕްސީ ރިޕޯޓް ހުށަހަޅާފައެއް ނުވެ އެވެ. އަދި އެ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ނިންމަންދެން ލަންކާ އިން ނުފުރޭނެ ކަމަށް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން އެ ހަ ދިވެހިން ވަނީ ލަންކާ ބަންދުން މިނިވަންކޮށް ރާއްޖެ އާދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ޝަރީއަތުގެ މަޖިލީހުގައި އެދިފަ އެވެ.
ސަންޖީވަ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދިވެހިން އެދިފައިވާ ގޮތަށް އެމީހުން ކަފާލާތުގެ ދަށުން މިނިވަންކުރުމުން އެމީހުންގެ ޕާސްޕޯޓްތައް ވެސް އެމީހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
"މި މައްސަލައިގެ ޝަރީއަތް އަދި ނުނިމޭ. ނަމަވެސް އެމީހުންގެ ޕާސްޕޯޓް މިހާރު ވަނީ ހަވާލުކޮށްފައި،" ސަންޖީވަ ވިދާޅުވި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް މައުލޫމާތު ދެއްވި ލަންކާގެ، ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދުޝާހުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެޓޮޕްސީ ރިޕޯޓް އިއްޔެ ޝަރީއަތަށް ހުށަހެޅިފައިނުވާ ކަމަށާއި އެރިޕޯޓް ލިބެން ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް، ލަންކާގައި އެ ރިޕޯޓް ހަދާ ލެބޯޓްރީން ބުނެފައިވާ ކަމަށެވެ.
ކަފާލާތުގެ ދަށުން މިނިވަންކުރި ލަންކާގެ ދެ އަންހެނުން އަދި ތިބީ ފުލުހުންގެ ހައްޔަރުގައި ކަމަށާއި އެ މައްސަލައިގެ ޝަރީއަތެއް މަދަމާ ވެސް އޮންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެރިޕޯޓް އިއްޔަ ހުށަހެޅޭ ވަރެއް ނުވި، އެހެންވެ އެ މައްސަލައާ މެދު ގޮތެއް އިއްޔެ ނުނިންމާ،" ލަންކާ ފުލުހަކު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިދުޝާހުމެން ތިބި ޖައިކްގެ އެޕާޓްމަންޓްގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ލަންކާގެ ދެ އަންހެނުން ވަނީ އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހުގައި އެކުށަށް އިންކާރުކޮށްފަ އެވެ.
މިދުޝާހުގެ މަރުގެ މައްސަލައާ ގުޅިގެން ލަންކާގެ ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ނިމެންދެން ލަންކާ އިން ނުފުރޭނެ ކަމަށް ކޯޓުން އަމުރެއް ނެރެފައިވަނިކޮށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަ ދިވެހިގެ ތެރެއިން އެކަކު ވަނީ މިދިޔަ ހަފްތާގައި މާލެ އައިސް އިއްޔެ އެނބުރި ލަންކާ އަށް ގޮސްފަ އެވެ.