03 Sep 2024, 16:40
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގައި ބަންޑާރަނައިބަށް ނުހުރެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް، މިދިޔަ ޖުލައި މަހުގެ 17ވަނަ ދުވަހު މި އިސްލާހު ހުށަހަޅުއްވައިދެއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފެވެ.
ރައީސް އޮފީހުން "ސަން"އަށް ބުނި ގޮތުގައި މި އިސްލާހު، މިއަދު ރައީސް ވަނީ ތަސްދީގުކޮށްދެއްވާފައެވެ.
ބާ ކައުންސިލްގެ އެކްސްކޯގައި މިހާރު ނުވަ މެންބަރުން ތިއްބަވައެވެ. އޭގެ ތެރޭގައި ބަންޑާރަނައިބު ވެސް ހިމެނެއެވެ. ނަމަވެސް މި އިސްލާހާއެކު މިހާރު އެކްސްކޯގައި ބަންޑާރަނައިބެއް ނުހިމެނޭނެއެވެ.
މި އިސްލާހާ އެކު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވާނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި ނައިބުރައީސަކާއި މެންބަރުންގެ މައްޗަށެވެ.
މި ގާނޫނުގެ ބޭނުމަކީ، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާ އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި، ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންފީޒުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ވެސް ހެދުމަށެވެ.
މީގެ އިތުރުން، މި ބިގާނޫނުގައި ވަނީ ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެ ތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ބާ ކައުންސިލުން ޖަހައިދިނުމެވެ.
އަދި، ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހީންނަށް ބޭނުންވާ ބައެއް ލިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވެސް މި ގަވާއިދުގައިވެއެވެ.