ގެނައި ޒަމާނީ ބަދަލުތަކާ އެކު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ރާއްޖޭގެ އިގުތިސާދު ކުރިއަރުވަން އިންވެސްޓްމަންޓްގެ ދައުރު ފުޅާކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ފޮރިން އިންވެސްޓްމެންޓްގެ އާ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ތަސްދީގުކުރައްވާފައެވެ.

އެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަ ތަނަކަށް ހަދައި ވިޔަފާރި ފުޅާކުރެވޭނެ ގޮތްތަކެއް އިންވެސްޓަރުންނަށް ހޯދައިދިނުން ކަމަށެވެ.

މިހާރު އޮތް ފޮރިން އިންވެސްޓްމެންޓް ގާނޫނު އެކުލަވާލާފައިވަނީ 1979ގައެވެ.

އެ ގާނޫނަށް މިހާރު 45 އަހަރުވެފައިވާއިރު ސައީދު ފާހަގަކުރެއްވީ އެއީ ވަރަށް ކުރިން ހަދާފައި އޮތް ގާނޫނަކަށް ވުމުން މި ޒަމާނަށް ވަރަށް ބޮޑަށް ނުފެތޭ ކަމަށެވެ. ނަމަވެސް، މިއަދު ތަސްދީގުކުރެއްވި ފޮރިން އިންވެސްޓްމަންޓްގެ އާ ބިލާ އެކު، ޒަމާނީ ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ވެސް ފުރުސަތުތައް ފަހިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ވިޔަފާރި ފުޅާކުރުމާއި ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަ ތަނަކަށް ހެދުމާއި ރިއަލް އެސްޓޭޓު ފަދަ ދާއިރާތަކަކީ ވެސް ވިޔަފާރީގެ ދާއިރާއަކަށް ހެދުން. މި ގާނޫނަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށާއި ރާއްޖޭގައި އިންވެސްޓުކޮށްގެން ތިބި ބޭރުގެ ވިޔަފާރިވެރިންނަށް ލިބުނު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެނީ،އިކޮނޮމިކް މިނިސްޓަރު ސައީދު

ސައީދު ވިދާޅުވީ، ކުރީގެ ގާނޫނުގައި އެންމެ ބޮޑަށް އިސްކަން ދިނީ ރާއްޖޭގެ ގައުމީ ސަލާމަތަށް ކަމަށެވެ. ނަމަވެސް، އާ ގާނޫނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިންވެސްޓަރުންގެ ރައްކާތެރިކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ބޭރުގެ އިންވެސްޓަރުން އިންވެސްޓް ކުރިއަސް، ރާއްޖޭގެ ވިޔަފާރިވެރިންގެ މަސްލަހަތު ވެސް ރައްކާތެރިކޮށް ރާއްޖޭގެ ވިޔަފާރިވެރިންގެ އިންޓްރެސްޓް ހިފަހައްޓާނެކަމުގެ ޔަގީންކަން ސައީދު ވަނީ ދެއްވާފައެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަކީ "އިންވެސްޓާ ފްރެންޑްލީ" ގައުމަކަށް ހެދުން ކަމަށެވެ. އެކަން ކުރުމަށްޓަކައި ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

މި ސަރުކާރުން ވެސް ރާއްޖެއަކީ އިންވެސްޓާ ފްރެންޑްލީ ގައުމަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ވާނީ ފަށާފައި. މިފަދަ ގާނޫނުތައް އޭގެ ޒާތުގައި އެއީ ވަރަށް ވަގުތު ނަގާ ކަމެއް،ބަންޑާރަ ނައިބު އަހުމަދު އުޝާމް

ފޮރިން އިންވެސްޓްމަންޓްގެ ގާނޫނަށް ގެނައި ބަދަލުތަކާ އެކު އަމާޒަކަށްވެފައިވަނީ ފޮރިން އިންވެސްޓަރުންނާ ގުޅުންހުރި ކަންކަން ހަރުދަނާކޮށް، އަދުގެ އިންވެސްޓްމަންޓް މާހައުލާ ގުޅުންހުރި ޒަމާނީ އިސްލާހުތައް ގެނެސް، އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ފަދަ އޮނިގަނޑެއް ތައާރަފުކުރުމެވެ.

އެގޮތުން، މި ގާނޫނުގެ ދަށުން ރާއްޖޭގެ އިގްތިސޯދު ތަރައްގީކުރުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާނެއެވެ. އޭގެ ތެރޭގައި:

  • ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓުކުރުމަށް ޝައުގުވެރިކަން އުފައްދާ ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓްކުރުން.

  • އިންވެސްޓްމަންޓްތަކަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި، ޝަރުތުތަކާއި، އުސޫލުތައް ކަނޑައެޅުން.
  • އިންވެސްޓަރުގެ ޒިންމާ އަދި ލިބިދޭ ހައްގުތައް އެކަށައެޅުން.
  • އިންވެސްޓްމަންޓް ސެކިއުރިޓީ ކަށަވަރުކޮށްދިނުން.
  • އިންވެސްޓްމަންޓް ޕްރޮމޯޓްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވައިލާ ބައިލެޓްރަލް އެއްބަސްވުންތަކާ މެދު އަމަލުކުރާނެ ގޮތް ބަޔާންކުރުން.

އިންވެސްޓުކުރުމުގެ ހުއްދަ ދިނުމުގައި ރާއްޖޭގައި ދިގު މުއްދަތެއްގައި ވިޔަފާރި ހަރަކާތެއް ހިންގާ ހުރިހާ ފަރާތަކުން ވެސް ވިޔަފާރި ހަރަކާތް ރާއްޖޭގައި ފެށުމުގެ ކުރިން ގާނޫނުގައި ލާޒިމްކުރާ ފޮރިން އިންވެސްޓްމަންޓް ލައިސެންސް ހޯދުން ލާޒިމުވާނެއެވެ.

އަދި، އިންވެސްޓުކުރާނެ ދާއިރާތައް ކަނޑައެޅުމުގައި ވެސް ބަލާނެ ވަކި މިންގަނޑުތަކެއް ގާނޫނުގެ ދަށުން ބަޔާންކުރެއެވެ. އެގޮތުން، ބަލާނެ މިންގަނޑުތަކަކީ:

  • ވަކި ސިނާއަތެއް ނުވަތަ ދާއިރާއެއް ހުޅުވާލުމުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރު.

  • ވަކި ސިނާއަތެއް ނުވަތަ ދާއިރާއެއް ހުޅުވާލުމުން އެ ސިނާއަތެއްގެ ނުވަތަ ދާއިރާއެއްގެ ވާދަވެރިކަމަށް ކުރާނެ އަސަރު.
  • ހުޅުވާލާ ސިނާއަތެއް ނުވަތަ ދާއިރާއެއްގައި ސައްތައިންސައްތަ ދިވެހި ވިޔަފާރިތައް ތަރައްގީވެފައިވާ މިންވަރު.
  • ހުޅުވާލާ ސިނާއަތެއް ނުވަތަ ދާއިރާއެއް ތަރައްގީކުރުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ބޭނުންވާ މިންވަރު.
  • ހުޅުވާލާ ސިނާއަތެއް ނުވަތަ ދާއިރާއަކުން ދުރު ރާސްތާގައި އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު.