ޑިއާރްޕީ ނުލައި މިހާރު ސަރުކާރަށް ތާއިދުކުރާ ޕާޓީތައް އެކުލަވާލި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕް (ޖޭޕީޖީ)ގައި ޖުމްހޫރީ ޕާޓީން ބައިވެރިނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސުޕޯކްސް ޕާސަން މޫސާ ރަމީޒް (މޫސަބެ) މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީ ޖޮއިންޓް ޕާލަމެންޓް ގްރޫޕުގައި ބައިވެރި ނުވާގޮތަށް ނިންމި ނަމަވެސް ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާ އެކު ކަމަށާއި މަޖިލީހުގައި ވެސް ސަރުކާރަށް ދޭންޖެހޭ ކޮންމެ އެއްބާރުލުމެއް ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއްނުކުރަން ކޮންމެހެން މަޖުލީހުގެ ތެރޭގައި ގުރޫޕުތަކެއް ހަދައިގެން މަސައްކަތް ކުރަންޖެހޭ ކަމަކަށް. އެކަމަކު ޖުމްހޫރީ ޕާޓީ މިއޮތީ ސަރުކާރާ އެކު،" މޫސަބެ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެފަދަ ގުރޫޕެއް މަޖިލީހުގެ ތެރޭގައި އުފައްދާ ކަމުގެ މައުލޫމާތް މީގެ ކުރިން ޖުމްހޫރީ ޕާޓީ އަށް ލިބިފައިނުވާ ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް ރަސްމީގޮތެއްގައި އިއްތިހާދުގެ ތެރޭގައި ހިނގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލްކުރައް ވަނީ ހަތަރު މެންބަރުންނެވެ.

ޖޮއިންޓް ޕާލަމެންޓް ގްރޫޕަކީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ކުރިން ވެސް، އޭރުގެ އިދިކޮޅު މެމްބަރުންގެ ތެރޭގައި އޮތް ގުރޫޕެކެވެ. އޭރު އެ ގުރޫޕުގައި ޖުމްހޫރީ ޕާޓީން ވެސް ބައިވެރިވި އެވެ. އަދި މިހާރު އެ ގުރޫޕް ޑީއާރްޕީއާނުލައި ކުރިން ވެސް އެގުރޫޕުގެ ލީޑަރަކަށް ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަ އިސްކޮށްހުންނަވައިގެން އަލުން އެކުލަވާލައިފަ އެވެ.