03 Sep 2024, 12:59
ދިވެހި ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން ޞަލާހުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ ދިވެހީންގެ ދީނާއި، ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވާފައިވާތީއެވެ. އަދި، އިލްމުގެ ނޫރު ފެތުރުއްވުމަށް އެ މަނިކުފާނު ކުރައްވާފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ.
ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނައެވެ.
ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ޤައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ޝަރަފު ދެއްވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިއްޒަތުގެ ޤާނޫނުގެ ހަވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ހުސައިން ޞަލާހުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 09:00ގައި ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތުގައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށެވެ.
އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، ދެމިހުންނަނިވި ޚާއްސަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށެވެ.
މި އަހަރު އެ އިނާމު އަރުވަނީ، ހެންވޭރު ހާޖަރާގޭ އަލްމަރްހޫމް މުހައްމަދު ތައުފީޤަށެވެ. މުހައްމަދު ތައުފީޤުގެ ހަނދާނަށް މި ޝަރަފު މި އަރުވަނީ، ކީރިތި ރަސޫލާގެ ސިޔަރަތު ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި، ސިޔަރަތު އަޑުއެހުމަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ ޝައުޤުވެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ޤައުމީ ޚިދުމަތަށްޓަކައެވެ.
މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 10 ބޭފުޅަކަށެވެ. ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.