26 Jun 2012, 17:33
އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމެންޓާއި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ހިންގާ ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑައިވާސިފިކޭޝަން ޕްރޮގްރާމް ( ފަޑިޕް)ގެ ދަށުން އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ އަށް 51037ޑޮލަރު ( 786،990.54 ރުފިޔާ)ގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިފާޑްން ދީފައިވާ 3.5 މިލިޔަން ޑޮލަރާއި ސަރުކާރުން ހަރަދުކުރާ 1.5 މިލިޔަން ޑޮލަރު ހޭދަކުރާ ފަޑިޕް ޕްރޮގްރާމްގެ ދަށުން އައްޑޫ މީދޫ ކޯޕަރޭޓިވްސް ސޮސައިޓީ (އޭއެމްސީއެސް) އަށް ދިން މިއެހީ ބޭނުންކުރާނީ އެ ސޮސައިޓީގެ ބިޒްނަސް ޕްލޭނަށެވެ.
ފިޝަޒީސް މިނިސްޓްރީ އިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދޭ މާލީ އެހީގެ އިތުރުން މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުމާއި ފަންނީ އެހީދިނުމާއި ގަންނަ ފަރާތްތަކާ ގުޅުން ބަދަހިކޮށްދިނުމާއި ދެމެހެއްޓެނިވި ނިޒާމްތައް ދަސްކޮށްދިނުމާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުމާއި ޕެކޭޖިން އަދި ބްރޭންޑިން ފަދަ ކަންތައްތަކަށް ފަޑިޕް ޕްރޮގްރާމްގެ ދަށުން އެހީތެރިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އައްޑޫ ސިޓީގެ ހުޅުދުއާއި މީދޫގެ ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އޭއެމްސީއެސް އަކީ ފަޑިޕްގެ ދަށުން މާލީ އެހީ ލިބުނު ފުރަތަމަ ކޯޕަރޭޓިވް ސޮސައިޓީ ކަމަށާއި އެއީ އެކަން އެގޮތަށް ހަމަޖެހުނީ އެ ސޮސައިޓީ ހިންގާފައިވާ ގޮތާއި ހޯދާފައިވާ ކުރިއެރުންތަކަށް ބެލުމަށް ފަހު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީގެ ލަފާގެ މަތިން 2010 ވަަނަ އަހަރުގެ ނޮވެމްބަރު މަހު އުފައްދައި ރަޖިސްޓްރީ ކުރި އޭއެމްސީއެސް އިން އެސޮސައިޓީގެ ފުރަތަމަ ސަޕްލައި ހަމަ އެ ނޮވެމްބަރު މަހު ޝަންގްރިއްލާ ވިލިނގިލި ރިޒޯޓަށް ފޮނުވައި ޖެހިގެން އައި ޑިސެމްބަރު މަހު އެސޮސައިޓީ އަށް ފުރަތަމަ ފަހަރަށް ވަނީ އާމްދަނީ ލިބިފަ އެވެ. އަދި މިދިޔަ އަހަރު ވަނީ އެސޮސައިޓީގެ ވިޔަފާރި އެއް މިލިޔަނަށް އަރާފައި ކަމަށާއި މިދިޔަ ޑިސެމްބަރު މަހު އެސޮސައިޓީ އަށް 300 މެމްބަރުން ހަމަވެފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މިއަހަރުގެ ތެރޭގައި އެސޮސައިޓީން ހޯދާފައިވާ ކުރިއެރުންތަކުގެ ތެރޭގައި ޗޮޕާ މެޝިނެއް ބެހެއްޓުމާއި ފާމާސް ޝޮޕްގެ ނަމުގައި ފިހާރައެއް ހުޅުވުން ހިމެނެއެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ސޮއިކުރު އެއްބަސްވުމުގައި ފިޝަރީޒް މިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފުއާދު ގާސިމްއެވެ. އަދި އޭއެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ އެސޮސައިޓީގެ ޗެއާމަން އަހުމަދު ޝާކިރުއެވެ.
ފަޑިޕް ޕްރޮގްރާމްގެ މަގުސަދަކީ ކުދި އަދި މެދުފަންތީގެ ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ހިކިކަނޑުމަހުގެ އުފެއްދުންތައްް ތައްޔާރުކުރާ ފަރާތްތަކަށް ކުރިމަތިވާ މައްސަލަައް ކުޑަކުރުމަށް އެހީތެރިވެދިނުމެވެ.
މިޕްރޮގްރާމްގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާއިން 10 ކޯޕަރޭޓް ސޮސައިޓީއާއި 5600 މީހުންނަށް ، ހައިޑްރޯފޯނިކްސްއާއި ކުކުޅާއި ބަކަރި ގެންގުޅުން ފަދަ މަސައްކަތްތަކާއި ދަނޑުވެރިކަމުގެ އެހެން މަސައްކަތްތައް ކުރުމަށް އެހީތެރިވުމާއި މަސްވެރިކަމުގެ ދާއިރައިން ހަތް ކޯޕަރޭޓިވްސް ސޮސައިޓީއާއި 2800 މީހުންނަށް އެހީތެރިވެދިނުމެވެ.