ހަފުލާގެ ކަންކަން އަމާން އޮމާންކޮށް ނިމިގެން ދިޔައެވެ. ނިމާލު ހުރީ ހިތްހަމަޖެހިފައެވެ. ޔަލްވީގެ ފަރާތުން މާ ބޮޑުކަމެއް ދިމާނުވެ، ހަފުލާގެ ކަންކަން ނިމިގެން ދިޔުމުންނެވެ. ފަހު ބަޔަކަށް ހަފުލާފައި ތިބީ ދެފަރާތުގެ އާއިލާއެވެ. ނަފީސާ ހުރީ ޔަލްވީގެ ގައިގައި ހިފަހައްޓާލައިގެންނެވެ. ދަރިފުޅާއި ވަކިވާންޖެހޭތީ ނަފީސާގެ މޫނުން ފެންނަމުންދިޔައީ މާޔޫސްކަމެވެ.

********

"މިހާރު މީހަކާ އިނދެވުނީނު. ދަރިފުޅު ވާނެ ވަރަށް ރަނގަޅަށް އުޅެން" ނަފީސާ ޔަލްވީގެ ބޮލުގައި ފިރުމައިލިއެވެ.

"މީ މަންމަމެން ބޭނުންވެގެން ކުރި ކައިވެންޏެއްނު" ޔަލްވީ ވާހަކަ ދެއްކީ ފަރުވާކުޑަ ރާގަކަށެވެ. "މަންމާ! ދެން ހަމަ އެގެއަށް ދާންވީތަ؟ ބައްޕަ ކީއްވެތަ ފޮނުވާލަން އުޅެނީ؟"

ޔަލްވީ ނަފީސާގެ މޫނަށް ބަލައިލީ ފަހު ވަގުތުވެސް ނަފީސާގެ ހިޔާލު ބަދަލުކޮށްލާހާ މައުސޫމުކޮށެވެ. އެވަގުތު އެދިމާއަށް އައި ނިމާލު ނުފެނުނުނަމަ، ނަފީސާއަށް ޔަލްވީއާއި އެއްކޮޅަށް އެރުނީހެވެ. ޔަލްވީ ފޮނުވަން ދެކޮޅުހެދުނީހެވެ.

"ބައްޕަ އެބަ އާދޭ. ދަރިފުޅު ތި މޫނުކޮޅު ރީތިކޮށްލައިގެން ހުރެބަލަ" ޔަލްވީގެ ބަނަވެފައިވާ މޫނަށް އިޝާރާތްކުރަމުން ނަފީސާ ބުނެލިއެވެ.

"ކޮބާ، ދާކަށް ނުވޭ؟" ނިމާލު ހުރީ ހަމަޖެހިފައެވެ. މޫނުން ފެންނަމުންދިޔައީ އުފާވެރިކަމެވެ. "ހާދަ އެއްޗެއްސެކޭ ޕިކަޕަށް އަރުވާފަ މިއައީ"

"އެކަން ކުރަން ބަޔަކާ ހަވާލުކޮށްފައެއްނު އޮތީ" ޝަކުވާގެ ރާގަކަށް ނަފީސާ ބުނެލިއެވެ.

"އާނ، އެކަމަކު ރަޔާންއަކަށް އެގޮތެއް ކަމަކުނުދިޔަ. އޭނަ އަމިއްލައަށް އެކަމުގަ އުޅޭއިރު އަހަންނަކަށްވެސް ބަލާކަށް ނުހުރެވޭނެއެއްނު" ނިމާލު ތަފްސީލް ދިނެވެ.

ހަފުލާއަށް ގެނެވުނު މުހިއްމު ތަކެތި ޕިކަޕަށް އަރުވާ ނިމުމުން ރަޔާން ފަސްއެނބުރި ޔަލްވީމެން ތިބި ދިމާއަށް ބަލައިލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ އަނބިމީހާއެވެ. އެކަމަކު، ކައިވެންޏެއް ކުރެވުނުކަމުގެ އިހުސާސެއް ރަޔާނަކަށް ނުކުރެވެއެވެ. ޔަލްވީއަށް ބަލަން އެކި ހިޔާލުތަކުގައި ރަޔާނަށް ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. އެހުރިހާއިރު، ރަޔާނާއި ނުހަނު ގާތުގައި އަފްސަމް ހުރީ ރަޔާންގެ ހަރަކާތްތަކަށް ބަލަން ހިނިއައިސްފައެވެ.

"ހަނދެއްފަދަ މޫނު، ހިތިފަތު ބުމަ، ފިނިފެންމަލެއްފަދަ ތުންފަތް..." ރަޔާންގެ ކަންފަތް ކައިރީގައި އަފްސަމް ބުނެލިއެވެ. ނުވިސްނާ ހުއްޓާ އަފްސަމް ކުރި ކަމަކުން ރަޔާން ކުޑަކޮށް ސިހޭގޮތްވިއެވެ. "ނުފެންނަނީ އެމަންޖެގެ އަންނާރު އޮށްތަކެއްފަދަ ދަތްތައް ދޯ"

"ސިއްސައިގެންނޭ އެދިޔައީ. ކީކޭތަ ތިކިޔަނީ؟" ރަޔާން އަވަސް އަވަހަށް އަފްސަމާއި ދުރަށް ހިނގައިގަތެވެ.

"މިކިޔަނީ ގެއަށް ގޮއްސަ ބަލަން މަޑުކުރާށޭ" އަފްސަމް ހީގަތެވެ. "އަދިވެސް އެ މަލެއް ނުދެންދޯ؟ ޔަގީނޭ ނުދޭކަން"

ރަޔާން ދުރަށް ހިނގަމުންދިޔަ ވަރަކަށް ދިމާކުރަމުން އަފްސަމްވެސް ފަހަތުން ދިޔައެވެ. ރަޔާން ގޮސް ހަދިޔާތައް އަޅާފައިވާ ކޮތަޅުތައް ނެގިއެވެ. އަފްސަމްވެސް ބައެއް ކޮތަޅުގައި ހިފިއެވެ.

"ބައްޕަ ދިން ނަސޭހަތާއި އެއްގޮތަށް އުޅެވޭތޯ ބަލާތި! ދަރިފުޅު މިހާރު ތީ މީހެއްގެ އަނތްބެއް. ފިރިމީހާއަށް ކިޔަމަންވުމާ، ބުނާގޮތް ހެދުމަކީ ދަރިފުޅު ކުރަންޖެހޭނެ ކަންކަން. ބައްޕަ އުއްމީދުކުރަން ބައްޕަމެން ލަދުގަންނަ ކަހަލަ ކަމެއް ދަރިފުޅު ނުކުރާނެ ކަމަށް. ބައްޕަމެން ބޭނުންވަނީ ދަރިފުޅަކީ ވަރަށް ރަނގަޅު ކުއްޖަކަށް ވާން. އިނގޭ ދަރިފުޅާ" ޔަލްވީގެ ބޮލުގައި ފިރުމާލަމުން ނިމާލު ވަރަށް ލޯބިން ބުނެލިއެވެ.

ނިމާލުގެ ވާހަކައިން ޔަލްވީގެ ބޮލަށް އުނދަގޫވިއެވެ. ބައްޕަ އުޅެނީ ޔަލްވީދެކެ މާ ލޯބިވާކަމަށް ދައްކައިގެންނެވެ. ނިމާލު ޔަލްވީދެކެ ލޯބިވާ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. ނިމާލު ދިން ނަސޭހަތުގައި ހިފާކަށްވެސް ޔަލްވީ ބޭނުމެއް ނުވިއެވެ. ރަޔާންއަށް ކިޔަމަންތެރިވުމަށް ކޮންމެ މީހަކު ނަސޭހަތްތެރިވިޔަސް އޭނާއަށް އެކަމެއް ނުކުރެވޭނެއެވެ.

ޔަލްވީމެން ބޭރަށް ނުކުތްއިރު ކާރު އޮތެވެ. ރަޒީނާމެން މަޑުކޮށްލައިގެން ތިބީ ޔަލްވީމެންގެ އިންތިޒާރުގައެވެ. ދަރިފުޅާއި ވަކިވާންޖެހުމުން، ނަފީސާއަށް ކެތެއް ނުކުރެވުނެވެ. ޔަލްވީގެ ހަށިގަނޑުގައި އޮޅުލައިގަތުމަށްފަހު ރޯންފެށިއެވެ.

ޔަލްވީގެ ލޮލުން ކަރުނަ ނީރާލިއެވެ. ހުރިހާ އުފާތަކަކާއި ދުރަށް ދާންޖެހުނުކަމުގެ އިހުސާސް ކުރެވުނެވެ. ބުނާ ކޮންމެ ކަމެއް ކޮށްދޭން ކައިރީގައި ދެން މަންމައެއް ނުހުންނާނެއެވެ. ނޯކަރުންނެއް ނުތިބޭނެއެވެ.

"ނަފީސާ މާ ބޮޑަށް ހާސްނުވޭ! އަހަރެން މި މަންޖެ ބަލާނީ އަމިއްލަ ދަރިއެއްގޮތަށް" ޔަލްވީގެ ބުރަކަށީގައި ފިރުމައިލަމުން ރަޒީނާ ބުނެލިއެވެ. "ދަރިފުޅަށް ރަނގަޅަށް ކެވުނުތަ؟"

"އާނ..." ރަޒީނާ އާއި ދިމާއަށް ބަލާލުމެއްވެސް ނެތި ޔަލްވީ ޖަވާބުދިނެވެ.

ޔަލްވީ ކަންތައްކުރި ގޮތް ފެނި ރަޔާން ހިތްހަމަނުޖެހުނެވެ. ނިމާލުވެސް ހުރީ ނުތަނަވަސްވެފައެވެ. އެކީގައި އުޅެން ފެށުމުން، ޔަލްވީގެ ކިތަންމެ ގޯސް ސިފައެއް ރަޔާންމެންނަށް ފެންނާނެއެވެ.

ކާރަށް އެރުމާއިއެކު ޔަލްވީގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ރަޔާން އިނީ ކުރީ ޝީޓުގައެވެ. އެކަމަކުވެސް ނޭވާ ހާސްވާހެން ޔަލްވީއަށް ހީވަނީއެވެ.

"މަންމާ! އާދޭ ކާރުގަ ދާން" ރަޒީނާ ކާރަށް ނާރާނެކަން އެނގޭއިރުވެސް ރަޔާން ބުނެލިއެވެ.

ޔަލްވީގެ މޫނުމަތި އިތުރަށް ބަނަވެގެން ދިޔައެވެ.

"ނޫނޭ. ތިއަށް އަރައިފިއްޔާ މަންމަގެ ދުވަސް ހިނގައިދާނެ" ލުއި ހިނިގަނޑެއް ޖަހައިލަމުން ރަޒީނާ ބުންޏެވެ. "ދަރިފުޅުމެންދޭ ކާރުގަ. މަންމަ ދާނަން އަމީރާއްތަމެންނާ އެކީ ހިނގާލާފަ"

"އެގޮތެއް ކަމަކުނުދާނެ. މަންމަމެން ނުލާހިކު ވަރުބަލިވެފައެއްނު މިހާރު ތިބޭނީވެސް. ތަށިމަތި ބެލެހެއްޓުމަކީ ނުލާހިކު ބުރަ ކަމެއް. މަންމަމެން ދޭ ކާރުގަ އަހަރެމެން ހިނގައިދާނަން ހިނގާލާފަ" ރަޔާން ކާރުން ފޭބިއެވެ.

"ދެން އަހަރެން ވަރުބައްޔެއް ނުވާނެތަ؟" ޔަލްވީގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. އަމިއްލަ ނަފުސާއި ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށް ކަން އެނގުނީ، ޑްރައިވަރު ލޯގަނޑުން އޭނާއަށް ބަލައިލި ތަން ފެނުނީމައެވެ.

"ޔަލްވީވެސް ވަރަށް ވަރުބަލިވެފައެއްނު އޭނީ. އެހާ ދުރަށް ހިނގާފަ ދާނެ ކަމެއް ނެތް. ދަރިފުޅުމެން ގޮސްލާ ކާރުގަ. ހިނގާފަ އުޅެން އަހަރެމެންނަށް މިހާރުވެސް މާ ފަސޭހައޭ ދޯ އަމީރާ؟" ކާރަށް އަރާކަށް ރަޒީނާ ބޭނުމެއް ނުވިއެވެ.

"ވަރަށް ފޮނިވެސް ކަނޑާމީހެކޭ. އެބަ ބުނެއެއްނު ހިނގާފަ އުޅެން މާ ފަސޭހައޭ. ކާރަށް އަރާ ހިތުން އެހެން އެކިޔަނީ މީހުން ލައްވާ އާދޭސްކުރުވަން. ޔަގީނޭ އެއުޅެނީ އަހަންނަށް ލަނޑެއް ދޭންކަން" ޔަލްވީ އެކަނި އިނދެ ކުދިކިޔަމުން ދިޔައެވެ.

ނިމާލާއި ނަފީސާއަށް ތިބެވުނީ ރަޔާނަށް ބަލާށެވެ. ރަޔާނަކީ އަހުލާގު ރަނގަޅު ކުއްޖެކެވެ. އެތައް ދުވަހަކު އެކީގައި އުޅުނުއިރުވެސް ގޯސް ސިފައެއް ނުފެނެއެވެ. މައިމީހާދެކެ ލޯބިވެއެވެ. އެފަދަ ލޯތްބެއް ޔަލްވީގެ ފަރާތުން ނިމާލުމެންނަށް އިހުސާސް ކުރެވިފައެއް ނުވެއެވެ.

"ޔަލްވީ ދަރިފުޅާ! ދަރިފުޅު ދޭބަލަ ރަޔާންއާއެކީ ހިނގާފަ. ހިނގާފަ ދިޔާމަ މާ ރަނގަޅުވާނެ" ޔަލްވީ ކާރުން ނުފައިބާ އިނުމުން ނިމާލަށް ބަލާކަށް ނުހުރެވުނެވެ.

ޔަލްވީގެ ރުޅިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ރަޒީނާމެން ޖަހާ މަޅީގައި ނިމާލު ނުޖެހިއެއް ނުދެއެވެ. އަމިއްލަ ދަރިފުޅަށް ނުދޭ އިސްކަމެއް އެހެންމީހުންނަށް ދެނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ކޮޅަކުން ލަނޑު ލިބުނީ ޔަލްވީއަކަށް ނޫން ހެއްޔެވެ؟ ޕާޓީގައި ބޮޑު ހެދުމަކާއި، އުސް ފައިވާނަކަށް އަރައިގެން އެތައް އިރަކު ކޮޅަށް ހުރީ ޔަލްވީއެވެ. އެ ހުރިހާ ތަކުލީފެއް އުފުލުމުންވެސް ޔަލްވީއާއި ދޭތެރޭގައި ވިސްނާނޭ މީހަކު ނުވިއެވެ. ޔަލްވީ ތުންފިއްތާލައިގެން ހުރެ، ކާރުން ފޭބިއެވެ. އައި ރުޅީގައި ޔަލްވީ ގޮސް ހުރީ މާދުރުގައި މަޑުކޮށްލައިގެންނެވެ.

ރަޒީނާ ކާރުގައި ގެއަށް ދާން އެއްބަސްވީ، ނިމާލު އެތައް ވަރަކަށް ކިޔައިގެންނެވެ. އެންމެން ދިޔުމުން ރަޔާން އާއި ޔަލްވީ އެކަނިވިއެވެ.

"ހިނގާ!" ޔަލްވީ ރަޒީނާއާއި ވާހަކަ ދެއްކިގޮތުން ރަޔާން އޭރުވެސް ހުރީ ހިތްހަމަނުޖެހިފައެވެ. އެހެންވެ، އޭނާއަށް ވާހަކަދެއްކުނީވެސް ކުޑަކޮށް ހަރުކަށިކޮށެވެ.

"ނޫޅެން ދާކަށް...." ރުޅި އައިސްފައި ހުރެ، ޔަލްވީ ދެކޮޅުހެދިއެވެ.

"އޯކޭ" ރަޔާން ބުނެލިއެވެ.

ޔަލްވީ ގޮތްދޫނުކުރާނެކަން ރަޔާނަށް އެނގެއެވެ. ހިތްހަމަނުޖެހިފައި ހުންނަ ވަގުތު އާދޭސްކުރުމަކީ، ރަޔާން އެހާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ރަޔާން ހިނގައިގަތެވެ. ޔަލްވީ ހީކުރީ އެއީ ރަޔާން ގަސްދުގައި އޭނާ ތަޅުވައިލަން ކުރި ކަމެއް ކަމަށެވެ. ޔަލްވީ އެކަނިކޮށްލާފައި ރަޔާންއަށް ދާން ނުކެރޭނެކަމަށެވެ. ވަކި ހިސާބަކަށް ގޮސްފައި ރަޔާން އެނބުރި އަންނާނެކަމަށް ޔަލްވީ ހީކުރި ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ރަޔާން މާދުރަށް ގޮސް ގޯޅިއަކަށް އެޅިއެވެ. ޔަލްވީގެ ދެފައި ތުރުތުރު އަޅައިގަތެވެ. އެއިން ހިސާބެއްގައި ވެސް މީހަކު ފެންނާކަށް ނެތެވެ. މާ ބޮޑު އަލިކަމެއް އެސަރަހައްދުގައި ނުވެއެވެ.

ދާދި ކައިރިން ބުޅަލެއް ގޮވާލި އަޑު އިވުމުން ޔަލްވީގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

"މަންމާ!" ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ޔަލްވީ ދުއްވައިގަތެވެ. އަރައިގެން ހުރެވުނީ އުސް ފައިވާނަކަށް ކަންވެސް ޔަލްވީއަކަށް ނޭނގުނެވެ.

********

ވަކިހިސާބަކަށް ގޮސްފައި ރަޔާން ފަސްއެނބުރި ބަލާލިއެވެ. ޔަލްވީ ފެންނަން ނެތުމުން ރަޔާން ހާސްވާން ފެށިއެވެ. ރަޔާން ހީކުރީ އެކަނި ހުންނަން ނުކެރިގެން އޭނާގެ ފަހަތުން ޔަލްވީ ދާނެ ކަމަށެވެ. ރަޔާން އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި ރަޔާން ކުއްލިއަކަށް ހުއްޓުނެވެ. ޔަލްވީ އޮތީ ބަނޑުވަތަށް ވެއްޓިފައެވެ. މަގުބައްތީގެ ފަނޑު އަލީގައިވެސް ޔަލްވީކަން ރަޔާނަށް ޔަގީންވީ ލައިގެން އޮތް ހުދު ހެދުން ދިއްލިލާފައި އޮތުމުންނެވެ. ރަޔާންގެ ފިޔަވަޅުތަށް އަވަސްކޮށްލިއެވެ. ޔަލްވީގެ ކައިރިއަށް ތިރިވެފައި، ކޮނޑުގައި އަތް ޖައްސައިލަން އުޅުނެވެ.

"އަތްނުލާތި!" ޔަލްވީ ހަޅޭއްލަވައިގަތެވެ.

"އޯކޭ. ދަނީ" ރަޔާން ތެދުވެގެން ދާން ހިނގައިގަތެވެ.

ޔަލްވީ ތެދުވަން މަސައްކަތް ކުރިއެވެ. އެކަމަކު، ތެދުވެވޭ ގޮތެއް ނުވިއެވެ. އައި ރުޅީގައި ފައިވާން ނަގާ އަތުގެ ކޮޅަށް ހޫރާލިއެވެ. ކޮރާޖަހަމުން ކަހަލަ ގޮތަކަށް ޔަލްވީ ކުރިޔަށް ހިނގައިގަތީ ކުދިކިޔަމުންނެވެ. ވެއްޓި ޖެހުނުގޮތަކުން ޔަލްވީގެ ކަކުލަށްވެސް ވަނީ އަނިޔާވެފައެވެ. އެކަމަކުވެސް ރަޔާންގެ ފަރުވާލެއް ނެތީ ހެއްޔެވެ؟ ޔަލްވީއާއި ދިމާއަށް ބަލައިލުމެއްވެސް ނެތި އޭނާ މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔައެވެ. ޔަލްވީއަކަށް އެގޮތް ކަމަކު ނުދިޔައެވެ. ފިޔަވަޅުތައް އަވަސްކޮށްލާފައި ރަޔާނަށްވުރެ ކުރިއަށް އެރިއެވެ.

ބާރުބާރަށް ދެއަތް ހޫރަމުން، ޔަލްވީ ކުރިޔަށްދިޔައިރު، އެމަންޒަރު ބަލަން ރަޔާންއަށް ހުރެވުނީ ކަޅި ޖަހާވެސް ނުލައެވެ. ޔަލްވީގެ ހުންނަނީ ކުޑަކުއްޖެއްގެ އުޅުމެވެ. ރަޔާންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެގަދަ ކަނޑުގައި ރަޔާނަށް ކުރިއެރުމެއް ލިބިދާނެ ހެއްޔެވެ؟

(ނުނިމޭ)