03 Sep 2024, 07:23
ބޮލީވުޑްގެ އެންމެ ވަރުގަދަ ފިލްމު ކުންފުނި ކަމަށްވާ ޔަޝް ރާޖް ފިލްމްސްއާ އެކު މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު އަނެއްކާ ވެސް އެ ޕްރޮޑަކްޝަން ކުންފުންޏާ ގުޅިއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަލީ އައްބާސް އަލުން ވައިއާރްއެފްއާ ގުޅުނީ ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާގެ އެދުމަކަށެވެ. އެގޮތުން, ކުރި މަގުގައި އަލީ އައްބާސް އެ ކުންފުނީގެ ވަރަށް މުހިއްމު ސިލްސިލާ ޕްރޮޖެކްޓުތަކެއްގައި މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަލީ އައްބާސް ޔަޝް ރާޖް ކުންފުންޏާ އެކު މަސައްކަތްކުރިއިރު އުފެއްދި ފިލްމުތަކުގެ ތެރޭ "މެރޭ ބްރަދަކީ ދުލްހަން"، "ސުލްތާން"، "ގުންޑޭ" އަދި ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް ލީޑް ރޯލް ކުޅުނު ފިލްމު "ޓައިގާ ޒިންދާހޭ" ހިމެނެއެވެ. އަލީ އައްބާސް އަލުން ވައިއާރްއެފްއާ ގުޅެން ނިންމިކަމަށް ރިޕޯޓުތައް ބުނާއިރު އެންމެފަހުން އޭނާ ޑައިރެކްޓްކުރި ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" ވެސް ވަނީ ބޮކްސް އޮފީހުގައި ނާކާމިޔާބުވެފައެވެ.

ފިލްމީ ތަރި ޝާހިދު ކަޕޫރު އަދި ޑައިރެކްޓަރު އަލީ އައްބާސް--ފޮޓޯ/ޕިންކްވިލާ
މިދިޔަ އަހަރު ޖިއޯ ސިނަމާއިން ގެނެސްދިން އަލީގެ ފިލްމު "ބްލަޑީ ޑޭޑީ"އަށް ވެސް ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ވެރައިޓީއަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދެމުން ބުނެފައިވަނީ, އަދިތިޔަ ޗޯޕްރާއާ އެކު އުފައްދާފައިވާ ބޮޑެތި ބަޖެޓުތަކުގެ ފިލްމުތަކުގެ ކާމިޔާބީގެ ފަހަތުގައި ހުރީ އަލީ އައްބާސް ކަމަށެވެ.
އެހެންކަމުން ކުރިމަގުގައި އެފަދަ އުފެއްދުންތެރި ހިޓު ޕްރޮޖެކްޓްތައް މާ ލަސްތަކެއްނުވެ ބެލުންތެރިންނަށް ފެންނާނެ ކަމަށް ވެރައިޓީ ނޫހުގައި ވަނީ ބުނެފައެވެ.