ދިގު މުއްދަތަކަށް ފިލްމީ ދާއިރާއާއި ދުރުގައި ހުރުމަށް ފަހު ދާދި ފަހުން އިންޑަސްޓްރީގެ މަސައްކަތްތަކާ ގުޅިފައިވާ އެކްޓަރު ފަރުދީން ޚާންގެ ފިލްމު "ވިސްފޮޓް" ސިނަމާގެ ބަދަލުގައި ޖިއޯސިނަމާގައި ޕްރިމިއަކުރަން ނިންމައިފިއެވެ.

ފަރުދީން ޚާންގެ އިތުރުން ރިތޭޝް ދޭޝްމުކް އަދި ބަތަލާ ކްރިސްޓަކް ޑިސޫޒާ މުހިއްމު ރޯލެއް ކުޅޭ މި ފިލްމަކީ، ޓީ-ސީރީޒުން ސަންޖޭ ގުޕްތާ ޕްރޮޑިއުސްކޮށް ކުނީ ގުލާޓީ ޑައިރެކްޓްކުރާ ފިލްމެކެވެ. މި މަހުގެ ހަވަނަ ދުވަހު ޖިއޯ ސިނަމާގައި ފިލްމު ޕްރިމިއާ ކުރާނެކަން އިއުލާނުކޮށްފައިވާއިރު ފިލްމުގެ މަސައްކަތް ނިންމާފައި އޮންނަތާ ދެ އަހަރުވެއްޖެއެވެ.

މި ފިލްމަކީ ވެނެޒުއޭލާގައި 2012 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ރޮކް، ޕެޕާ،ސިޒާސް"އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ފަރުދީން ޚާން ފިލްމީ ދާއިރާއާ އަލުން ގުޅުމަށް ފަހު އެންމެ ފުރަތަމަ މަސައްކަތް ފެށި ފިލްމެވެ.

ފަރުދީން ޚާން ބައްޕަ ފީރޯޒު ޚާންއާ އެކު އަދި ފަރުދީންގެ ފުރަތަމަ ފިލްމުގެ ލީޑް ބަތަލާ ސެލީނާ ޖެއިތްލީ--ފޮޓޯ/ފިލްމުފެއަ

އެހެންނަމަވެސް، ފިލްމުގެ މަސައްކަތްތައް ލަސްވެ ފިލްމު ރިލީޒްކުރުން ލަސްވުމާ ގުޅިގެން ފަރުދީން ބެލުންތެރިންނަށް އެންމެ ފުރަތަމަ ފެނުނީ މި އަހަރު ރިލީޒްކުރި ނެޓްފްލިކްސްގެ ވެބް ސީރީޒް "ހީރާމަންޑީ"އިންނެވެ. ބޮޑު ކަމިޔާބީއެއް ލިބުނު މި ވެބް ސީރީޒަށް ފަރުދީން ދެން ބެލުންތެރިންނަށް ފެނުނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ކޭލް ކޭލް މޭ"އިންނެވެ.

ފަރުދީން ފިލްމު އިންޑަސްޓްރީއަށް ބޮޑު 'ބްރޭކެއް' ނެގީ ކުރީގެ އެކްޓަރު ބައްޕަ ފީރޯޒު ޚާން ދުނިޔެ ދޫކުރާމާ ގުޅިގެން އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ފަރުދީންގެ ކުރިއަށްހުރި ފިލްމުތަކަށް ބަލާއިރު އަދި ރަސްމީކޮށް އިއުލާނު ނުކުރާ "ނޯ އެންޓްރީ"ގެ ސީކުއަލް ހިމެނެއެވެ.