ޖިއްދާ (ޖޫން 26): ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް އެޤައުމުގެ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރުން ހިންގަމުންގެންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާގުޅިގެން އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ (އޯ.އައި.ސީ) ގެ މެންބަރުކަމުން ސޫރިޔާ ސަސްޕެންޑް ކުރުމަށް އެޖަމްޢިއްޔާގެ ތަންފީޒީ ކޮމިޓީން ނިންމައިފި އެވެ.

އޮގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓޭރިއަޓުން ބުނި ގޮތުގައި އެޖަމްޢިއްޔާގެ މެންބަރުކަމުން ސޫރިޔާ ސަސްޕެންޑް ކުރުމަށް ތަންފީޒީ ކޮމިޓީން ނިންމި ނިންމުން ސެކްރެޓޭރިއަޓަށް މިހާރު ވަނީ ލިބިފަ އެވެ. ތަންފީޒީ ކޮމިޓީގެ މިނިންމުމަށް މެންބަރު ޤައުމުތަކުގެ ތާއީދު އޮތްތޯބެލުމަށް ޓަކައި ޖިބޫތީގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯއައިސީގެ ޤައުމުތަކުގެ ބައްދަލުވުމަށް ހުށަހެޅޭނެ ކަމަށާއި މިކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ އެބައްދަލުވުމުން ކަމަށް ވެސް އޯއައިސީގެ ސެކްރެޓޭރިއަޓުން ބުނެ އެވެ.

އޯއައިސީގެ ސެކްރެޓެރީ ޖެނެރަލް ޑރ. އަކްމަލުއްދީން އިޙްސާން އޮގްލޯ ދާދިފަހުންވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ނިޒާމުން ރައްޔިތުންނާމެދު ހިންގާ ހަރުކަށި ޢަމަލުތައް ކުށްވެރިކުރައްވައި ސޫރިޔާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކަކީ ޤަބޫލުކުރެވޭނެ ޢަމަލުތަކެއް ނޫން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އޯއައިސީގެ މެންބަރުކަމުން ސޫރިޔާ ސަސްޕެންޑް ކުރުމަށް އެޖަމްޢިއްޔާގެ ތަންފީޒީ ކޮމިޓީން ނިންމީ ސަޢޫދީ އަރަބިޔާގެ ޖިއްދާގައި އިއްޔެ ބޭއްވި އެކޮމިޓީގެ ބައްދަލުވުމެއްގަ އެވެ. ސޫރިޔާގައި އިއްޔެވެސް 86 މީހަކު މަރުވެފައިވާ އިރު ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނާއި ސޫރިޔާގެ ސިފައިންނާ ދެމެދު ދަނީ ވަރުގަދައަށް ޙަމަލާތައް ބަދަލުކުރަމުންނެވެ.
އަނެއްކޮޅުން ސޫރިޔާ އިން މިދިޔަ އާދީއްތަ ދުވަހު ތުރުކީގެ ޢަސްކަރީ މަތިންދާބޯޓެއް ވައްޓާލިމައްސަލައަކީ ބައނަލްއަޤްވާމީ އަމްނާއި ސުލްޙައަށް ނުރައްކާކުރާ ޢަމަލެއްކަމަށްބުނެ ތުރުކީންވަނީ އެމައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފަ އެވެ. މިމައްސަލާގައި ސޫރިޔާ ކުށްވެރިކޮށް ޤާރާރެއް ފާސްކުރަން ތުރުކީއާއި އެމެރިކާ މަސައްކަތްކުރަމުން ގެންދާއިރު ރަޝިޔާއާއި ޗައިނާ މިކަމަށް ހުރަސްއެޅުން ވަރަށްގާތްތަކަމަށް އދ. ގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެ އެވެ.

ސޫރިޔާ ބުނާ ގޮތުން ތުރުކީގެ ޢަސްކަރީ މަތިންދާބޯޓު ވައްޓާލީ އެޤުއުމުގެ ވައިގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަނުމުންނެވެ. ތުރުކީން އެމައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް ސޫރިޔާއާދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ވިސްނުމެއްނެތްކަމަށް ތުރުކީ ބުނެ އެވެ. ސޫރިޔާ އިން ތުރުކީގެ ޢަސްކަރީ މަތިންދާބޯޓެއް ވައްޓާލި މައްސަލަ ތުރުކީންވަނީ ނޭޓޯ އަށް ވެސް ހުށަހަޅާފަ އެވެ. މިމައްސަލައާބެހޭ ގޮތުން މަޝްވަރާކުރުމަ ށްޓަކައި ބްރަސަލްސްގައި ތިއްބަވާ ނޭޓޯގެ ޤައުމުތަކުގެ ސަފީރުން މިއަދުގެ ވަގުތެއްގައި ބައްދަލުކުރައްވާނެ ކަމަށް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)