19 Aug 2010, 07:29
12:29
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ޑރ. އަޙްމަދު ޢަލީ ސަވާދު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަމަޖައްސަވައިފިއެވެ.
ޖުޑޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޑރ. އަޙްމަދު ޢަލީ ސަވާދު ހަމަޖެއްސެވި ކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޝަރްޢީ ދާއިރާ ހަރުދަނާވެގެން ދިޔުމަކީ، ސަރުކާރާއި ރައްޔިތުންގެވެސް ވަރަށްބޮޑު އުންމީދެއް ކަމުގައި ވިދާޅުވިއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން، އެކޮމިޝަންގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ކުރައްވައި، ކޮމިޝަންގެ ކަންތައްތައް ރަނގަޅަށް ހިންގަވަމުން ގެންދެވުމުގައި، ޑރ. ސަވާދުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މިރަސްމިއްޔާތުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ޑރ. ސަވާދު ކުރެއްވި އެވެ.
ބަންޑާރަ ނައިބު ޑރ. ސަވާދު ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރަކަށް ރައީސުލްޖުމްޖޫރިއްޔާ ހަމަޖެއްސެވުމުން މިހާރު އެކޮމިޝަންގައި ތިއްބެވީ ހަތް މެންބަރުންނެވެ. ނަމަވެސް އެކޮމިޝަނަށް ހައިކޯޓާއި ސުޕްރީމް ކޯޓުން އަދި ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅަންޖެހޭ މެންބަރު އަދި ކަނޑައަޅާފައެއް ނުވެ އެވެ.