02 Sep 2024, 20:52
ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުރި އާދަމް އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް ގަބޫލުނުކުރާ ކަމަށާއި އޮޓޮޕްސީ ހަދަން ދެކޮޅު ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
ރޭ ދޫނިދޫ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗަށް ގެންދިޔަ އަތުހަރު މިއަދު 16:08ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންވެ، އެ މައްސަލަ ބަލައި، އަތުހަރު މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަތުހަރުގެ އާއިލާގެ މީހަކު "ސަން"އަށް ބުނީ އޭނާ ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގައި ނެތް ކަމަށާއި ދަންޖެހުނު ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ބޭނުންވަނީ ވީހާވެސް އަވަހަށް އަތުހަރުގެ ހަށިގަނޑު ވަޅުލާން ކަމަށް ވެސް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އާއިލާއިން އެގޮތަށް ބުނުމާ ގުޅިގެން ފުލުހުން "ސަން"އަށް ބުނީ، އޮޓޮޕްސީ ހެދުމާ ގުޅޭ ގޮތުން މިރޭ 9:00ގައި އަތުހަރުގެ އާއިލާއާ ބައްދަލުކޮށް، ގޮތް ނިންމާނެ ކަމަށެވެ.
އަތުހަރު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނު ކުރި މައްސަލައިގައެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖެހުމަށް ފަހުގައެވެ.
އެއަށް ފަހު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލިއެވެ.
އޭޑީކޭއިން ދޫކޮށްލި ފަހުން އަތުހަރު ހޮޑުލާތީ ހުކުރު ދުވަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސް، އޮބްޒަވޭޝަންގައި ފަރުވާ ދޭން ފެށިއެވެ. އެއަށްފަހު އޭނާ ދޫކޮށްލުމާއެކު ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި އަތުހަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ފުލުހުން އޭނާ ދޫނިދޫ ކަސްޓޯޑިއަލްއަށް ގެންދިޔައެވެ.
ދޫނިދޫގައި ހުއްޓާ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ރޭ ފުލުހުން އޭނާ އަލުން އައިޖީއެމްއެޗަށް ގެންދިޔައެވެ. އަދި އޭނާއަށް އައިސީޔޫގައި، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އަތުހަރު ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ.