ށ. ފޭދޫގައި ނަހަލާލަށް ބަލިވެ އިނދެ ވިހެއުމަށް ފަހު ދަރިފުޅު މަރާލި ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅިގެން އެ ރަށުގައި ޝުއޫރުފާޅު ކުރި މީހުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެކަން ފޭދޫ ކައުންސިލް އިދާރާ އިން ކުށްވެރިކޮށްފި އެވެ.

ފުލުހުންގެ ފަރާތުން އެ ރަށުގެ ރައްޔިތުންނަށް އަނިޔާވެފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް ފޭދޫ ކައުންސިލު އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ރަށުގައި ކުއްޖަކު ރޭ ނަހަލާލަށް ވިހައި ތުއްތު އަންހެން ކުއްޖަކު މަރުވެފައި އޮއްވައި ފެނުނު މައްސަލަ އާ ގުޅިގެން އެކަމުގައި ޝާމިލްވާ ފަރާތްތައް ބަލައިދިނުމަށް އެދި އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ޝުޢޫރުފާޅު ކުރި ކަމަށެވެ. އަދި ޝުއޫރުފާޅު ކުރަން ތިބީ ނަހަލާލަށް ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެން ކުއްޖާ ދިރިއުޅެމުން ދިޔަ ވައިޖެހޭގޭގެ ކުރިމަތީގައި ކަމަށެވެ.

ކައުންސިލް އިދާރާ އިން ބުނީ ފުލުހުންނަށް ކުރި ރިޕޯޓާ ގުޅިގެން އެ ރަށަށް ގޮސް ޝުޢޫރުފާޅު ކުރަން އެއްވެ ތިބި މީހުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުން ކޮށްފައިވާ ކަމަށާއި ބައެއް މީހުންނަށް ފުލުހުންގެ ފަރާތުން އަނިޔާވެފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިބި އެންމެން ވަގުތުން ދޫކޮށްލުމަށް ވެސް އެބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ ފޭދޫން ފަސް މީހަކު ހައްޔަރު ކުރީ ޝުއޫރުފާޅުކޮށްގެން ނޫން ކަމަށާއި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ކަމަށެވެ. އަދި ރަށުގެ އެއްވެސް ރައްޔިތަކަށް ފުލުހުން އަނިޔާކޮށްފައިނުވާނެ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

ފޭދޫ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހް ވިދާޅުވީ އެއްވެ ތިބި މީހުންނާ ފުލުހުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރުމަށް ފަހު ހަމަނުޖެހުމަކަށް ބަދަލުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެން ކުއްޖާގެ މަންމަ އާއި ދޮން ބައްޕަ ނެރެގެން އެއަތޮޅު ފުނަދުއަށް ގެންދަން އުޅުމުން ކަމަށެވެ. ނަމަވެސް ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އެ މައްސަލަ ތަހުގީގު ކުރިއަށްގެންދިއުމުގެ ބަދަލުގައި ރައްޔިތުން ބޭނުންވީ އެމީހުންގެ ތަހުގީގު ރަށުގައި ތިބެގެން ކުރިއަށްގެންދަން ކަމަށެވެ.

ސޮލާހް ވިދާޅުވީ ރަށުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ތިން ފަހަރެއްގެ މަތިން އެ ރަށަށް ރޭ ފުލުހުން ދިޔަ ކަމަށާއި އަދި ތިން ފަހަރަށް ދިޔައީ ރަޔަޓްގިޔަރުގައި ތިބި ފުލުހުން ކަމަށެވެ.

ފޭދޫ ކައުންސިލްގެ ރައީސް އަދި ވިދާޅުވީ ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ނައުޝާދު މިއަދު މެންދުރުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރި އަނެއް ހަތަރު މީހުން އަދި ދޫކޮށްނުލާ ކަމަށެވެ.

ސްކޫލްގައި ކިޔަވަމުންދާ އަންހެން ކުއްޖާ ރޭ ވިހެއުމަށް ފަހު އަންހެން ކުއްޖާ ދިރިއުޅޭ ވައިމަތީގޭ ގިފިލި ތެރޭގައި ތުއްތު ކުއްޖާ ވަޅުލާފައި އޮއްވައި ފެނުނީ ރޭ 6:30 ހާއިރު އެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ތުއްތު ކުއްޖާ އާއި އާއިލާ އިން ހަވާލުނުވުމުން ފުލުހުން އެ ކުއްޖާ ގެންގޮސް ވަޅުލީ ކަމަށެވެ. އަދި ކުއްޖާ ވިހެއި އަންހެން ކުއްޖާ އެ ރަށު ސިއްހީމަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ފުނަދުއަށް ގެންގޮސްފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފޭދޫ މީހުން ތުހުމަތު ކުރާ ގޮތުގައި އެ ކުއްޖާ ނަހަލާލަށް ބަލިވެ އިނދެފައި ވަނީ އޭނާގެ ދޮންބައްޕަ އަށެވެ.

އަދި އެކަން އާއިލާ އިން ސިއްރު ކުރި ކަމަށާއި އެ ކުއްޖާ އިއްޔެ ވިހޭ ކަން އެނގުނީ ރަށު ބަޔަކަށް ޝައްކުވެގެން ބެލުމުން ކަމަށް ވެސް ފޭދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެމީހާ ބުނީ އެ އަންހެން ކުއްޖާ އަށް އެކި ފަހަރު މަތިން އެ ރަށުގެ މީހުން ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތައް މީގެ ކުރިން ފެންމަތިވެފައިވާ ކަމަށެވެ.