މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އާދަމް އަތުހުރި މަރުވި ސަބަބު ދެނެގަންނަން އޮޓޮޕްސީއެއް ހަދަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނީ އަތުހަރަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 16:08ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ބަންދުގައި ހުއްޓާ އަތުހަރު މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަންނަން އޮޓޮޕްސީއެއް ހަދަން ނިންމައިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުން އަންނަ ތަހުގީގުތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ.

ފުލުހުން މިއަދު ވަނީ އަތުހަރު ދަންޖެހިފައި ހުއްޓާ ރޭ ފެނުމާއެކު ފުލުހުން އަމަލުކުރި ގޮތާ ގުޅޭ ތަފުސީލު ހާމަކޮށްފައެވެ. އެގޮތުން ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށްގެން ސައިކަލުގައި ފިލަން މަސައްކަތްކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވީ އޭނާގެ ބޮލަށް މުގުރުން ހަމަލާ ދިނުމަށް ފަހުއެވެ. އެއަށް ފަހު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލިއެވެ.

އޭޑީކޭއިން ދޫކޮށްލި ފަހުން އަތުހަރު ހޮޑުލާތީ ހުކުރު ދުވަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސް، އޮބްޒަވޭޝަންގައި ފަރުވާ ދޭން ފެށިއެވެ. އެއަށްފަހު އޭނާ ދޫކޮށްލުމާއެކު ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި އަތުހަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ފުލުހުން އޭނާ ދޫނިދޫ ކަސްޓޯޑިއަލްއަށް ގެންދިޔައެވެ.

އެއަށްފަހު އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އައިޖީއެމްއެޗަށް ގެންގޮސް، ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައެވެ.

އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ދަނީ ތަހުގީގުކުރަމުންނެވެ.