02 Sep 2024, 17:10
އަންހެނަކު ރަހީނުކޮށްގެން އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުރި އާދަމް އަތުހަރަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.
ފުލުހުން ވަނީ، ވެންޓިލޭޓަރުގައި އޮތް އަތުހަރު މަރުވެފައިވާކަން "ސަން"އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން އޭނާ މަރުވީ 16:08ގައި ކަމަށާއި މަރުގެ މައުލޫމާތު އޭނާގެ އާއިލާއާ ހިއްސާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށްގެން ސައިކަލުގައި ފިލަން މަސައްކަތްކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވީ އޭނާގެ ބޮލަށް މުގުރުން ހަމަލާ ދިނުމަށް ފަހުއެވެ. އެއަށް ފަހު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލިއެވެ.
އޭޑީކޭއިން ދޫކޮށްލި ފަހުން އަތުހަރު ހޮޑުލާތީ ހުކުރު ދުވަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސް، އޮބްޒަވޭޝަންގައި ފަރުވާ ދޭން ފެށިއެވެ. އެއަށްފަހު އޭނާ ދޫކޮށްލުމާއެކު ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި އަތުހަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ފުލުހުން އޭނާ ދޫނިދޫ ކަސްޓޯޑިއަލްއަށް ގެންދިޔައެވެ.
ދޫނިދޫގައި ހުއްޓާ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ރޭ ފުލުހުން އޭނާ އަލުން އައިޖީއެމްއެޗަށް ގެންދިޔައެވެ. އަދި އޭނާއަށް އައިސީޔޫގައި، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އަތުހަރު ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ.
އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ދަނީ ތަހުގީގުކުރަމުންނެވެ.