26 Jun 2012, 16:29
މި މަހުގެ ތެރޭގައި ދެ ވަނަ ފަހަރަށް ޖަރުމަންގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ޔޫއެފްއާ އިން ޖޫރިމަނާ ކޮށްފި އެވެ.
ޖަރުމަންގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ޖޫރިމަނާ ކުރަން ޖެހުނު ކަމަށް ބުނެ، ޔޫއެފްއާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕޮލެންޑާއި ޔޫކުރެންގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޑެކްމާކާ ދެކޮޅަށް ކުޅެ، 2-1 ލަނޑުން ޖަރުމަން މޮޅުވި މެޗުގައި ޖަރުމަންގެ ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާ ހިލާފް ގިނަ ކަންތައްތަކެއް ފެނުނު ކަމަށެވެ. އެގޮތުން ޖަރުމަންގެ ސަޕޯޓަރުންގެ ފަރާތުން ދަނޑު ތެރޭ ބަޑިބޭހާއި ބޭއަދަބީ އެއްޗެހި ލިޔެފައި ހުރި ބެނާތައް ގިނަ އަދަދަކަށް ގެން ގުޅެފައިވާ ކަމަށް ވެސް ޔޫއެފްއާގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ކުޅިވަރުގެ ރޫހާ ހިލާފް ގިނަ ކަންތައްތަކެއް ފާހަގަކޮށް ޔޫއެފްއާ އިން މިފަހަރު ޖަރުމަން ޖޫރިމަނާ ކޮށްފައި ވަނީ 25000 ޔޫރޯ އިން ނެވެ. އަދި އެފައިސާ ޔޫއެފްއާ އަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ޔޫއެފްއާ އިން ޖަރުމަން ޖޫރިމަނާ ކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ޕޯޗްގަލްއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ޖަރުމަން މޮޅުވި މެޗަށް ފަހު އެވެ. އެފަރު ވެސް ޔޫއެފްއާ އިން ޖަރުމަން ޖޫރިމަނާ ކޮށްފައި ވަނީ ސަޕޯޓަރުންގެ އަމަލުތައް ކުޅިވަރުގެ ރޫހާ ހިލާފް ވިކަމަށް ބުނެ އެވެ. އެގޮތުން އެފަހަރު ޖަރުމަން ޖޫރިމަނާ ކޮށްފައި ވަނީ 10000 ޔޫރޯއިން ނެވެ.
މީގެ އިތުރުން ޔޫއެފްއާގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިޓަލީއާ ދެކޮޅަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަން ނުކުންނަ އިރު، ޖަރުމަންގެ ސަޕޯޓަރުންގެ އަމަލުތައް ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުރިއަށް ގެންދިއުމަށާއި އެކަން ތަކުރާރު ނުކުރުމަށެވެ.