ބިދޭސީން ރާއްޖޭގެ ވަޒީފާތަކުގައި ގެންގުޅެވޭ އުސޫލު ހަރުދަނާކޮށް،ވަޒީފާއާބެހޭ ގާނޫނަށް ގެނައި އަށްވަނަ އިސްލާހުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 19 އޯގަސްޓު 2024ގައެވެ.

މި ބިލުގައި، ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ، ވަޒީފާއާބެހޭ ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެން ނަމަވެސް ވަކި ފަރާތްތަކެއް މި އުސޫލުންވަނީ އިސްތިސްނާކޮށްފައެވެ. އެ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތައް

  • ރާއްޖެއިން ބައިވެރިވެފައިވާ ބައިނައަލްއަގުވާމީ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ފަރާތްތައް
  • ވާކް ވިޒާ ފިޔަވައި އެ ނޫން ބާވަތެއްގެ ވިޒާއެއްގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ލިބިދީފައިވާ ފަރާތްތައް
  • އެހެން ގާނޫނެއްގައި ކަނޑައަޅާ އެ ނޫން ވެސް ބިދޭސީ ފަރާތްތައް

އަދި މި ބިލުގައި ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ ޢަދަދާއި ދާއިރާތައް ވެސް ކަނޑައަޅުއްވާފައިވެއެވެ. މި ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ދެ ފަހަރު ބިދޭސީން ރާއްޖެ ގެނެވޭ އަދަދާއި، އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ ގެނެވޭ ބިދޭސީންގެ އަދަދު ވެސް ކަނޑައަޅަންޖެހެއެވެ.

މީގެ އިތުރުން މި ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރުކޮށް އަދި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މުހިންމު ކަންކަން:

  • އެ ބިދޭސީއަކު މަސައްކަތްކުރާނެ ވާކް ސައިޓް ރަޖިސްޓަރީކުރުން

  • ކަމާގުޅޭ އެ ނޫން ވެސް ހުއްދަތައް ހޯދުން
  • އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވާކް ޕާމިޓް ހެއްދުން

މީގެ އިތުރުން ވެސް ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅުއްވާނެ ފިޔަވަޅުތައް ވެސް އެ ގާނޫނުގައިވަނީ ބަޔާން ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

މި ބިލު ރައީސް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެހެން ކަމުން މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ވަނީ ފެށިފައެވެ.