ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދުން ދައްކަންޖެހޭ ފަރާތްތަކަށް އެ ފައިސާ ދައްކައި ޚަލާސްކުރުމަށް ދެ ހަފްތާގެ މުއްދަތެއް ދީފިއެވެ.

ހޯމް މިނިސްޓްރީން މިއަދުު ކުރިއިއުލާނުގައި އަންގާފައިވަނީ ބިދޭސީން ވަޒީފާތަކުގައި ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 100،000 ރުފިޔާއަށްވުރެ މަދުނަމަ، 16 ސެޕްޓެންބަރުގެ ކުރިން އެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

އެ ތާރީޚުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްނުކުރާ ފަރާތްތައް އާންމުކޮށް އިޢުލާން ކުރާނެ ކަމަށް އެ އިއުލާނުގައިވަނީ ބުނެފައެވެ.

އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް، އެ ފަރާތްތަކަށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިއުލާނުގައިވަނީ އެއްފަހަރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ، ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅުންދާ ކަމަށެވެ.

އެހެން ކަމުން މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ލިބޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އިއުލާނުގައިވާ ގޮތުން މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މަޢުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެއެވެ.

ހޯމް މިނިސްޓްރީން މީގެ ކުރިން އާންމުކުރި ގޮތުގައި ބިދޭސީންނާ ގުޅިގެން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 182 މިލިއަނަށް ވުރެ ގިނަ ފައިސާ އެ މިނިސްޓްރީއަށް ވަނީ ލިބިފައެވެ.

ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.