ރައްޔިތުންގެ މަޖިލިހުން ހުއްދަ ދިނުމުގެ ކުރިން 300 މިލިއަން ރުފިޔާގެ ލޯނު ސަރުކާރަށް ނެގި ކަމަށާއި މަޖިލިހަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ރައީސުލްޖުމުހުރިއްޔާ އާއި ފިނޭންސް މިނިސްޓަރުގެ މައްސަލަ ތަހުގީގުކުރުމަށް ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މަޖިލިހުގެ އިދާރާ ކުރިމަތީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ މާލިއްޔަތު ގާނޫނާ ހިލާފަށް ބޭންކް އޮފް މޯލްޑިވްސް އިން ސަރުކާރަށް މީގެ ދެ ހަފްތާ ކުރިން 300 މިލިއަން ރުފިޔާގެ ލޯނު ނެގެގުމަށް ފަހު އެމްއެމްއޭގައި އޮންނަ ފިނޭންސް މިނިސްޓްރީގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

"އެ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުން އެމްއެމްއޭގައި އޮންނަ ފިނޭންސް މިނިސްޓްރީގެ އެކައުންޓަށް ޖަމާކޮށް ނިންމާފައި ވާތާ ކިތަންމެ ދުވަހެއް. އެއީ ނަގައި ނިންމާފައި އޮތް ލޯނެއް. އެހެންވީމާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ ބޮޑު މާލީ ޖަރީމާއެއް އެއީ،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ލޯނެއް ބީއެމްއެލް އިން ސަރުކާރަށް ނެގުމުން ވިޔަފާރި އާއި ގެދޮރު އިމާރާތްކުރުމާއި މަތީތައުލީމު ހާސިލްކުރުމަށް ބޭނުންވާ ލޯނު ދޫކުރުމަށް ބޭންކަށް މައްސަލަތަކެއް ދިމާވާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ އެ ލޯން ސަރުކާރަށް ނެގި ކަން އޭނާ އަށް ޔަގީންވާ ކަމަށާއި ނަމަވެސް އެ މައުލޫމާތު އޭނާ އަށް އެނގިވަޑައިގަތް ގޮތް މީޑިޔާއާ ހިއްސާކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި ނަމަވެސް މަޖިލިހުގައި އެފަދަ މައުލުމާތެއް ހިއްސާކުރައްވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ ވިދާޅުވީ މަޖިލިހުން ހުއްދަ ނުލިބެނީސް އެފަދަ ލޯނެއް ނަގާފައިވާ ކަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށާއި އެފަދަ ގާނޫނާ ހިލާފުކަމެއް ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.

ބަޖެޓް ސަޕޯޓުގެ ބައެއްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ނެގުމުގެ ހުއްދަ އަށް އެދި ސަރުކާރުން ރައްޔިތުން މަޖިލިހަށް ހުށަހެޅުމާ އެކު އެކަމުގެ ބަހުސް ވަނީ މާލިއްޔަތު ކޮމިޓީގައި ފަށައިފަ އެވެ.

އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ނެގުމަށް މާލިއްޔަތު ކޮމެޓީން މީގެ ކުރިން ފާސްކުރި 65 މިލިއަން ޑޮލަރުގެ ލޯނު ނުނަގަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށާއި އޭގެ ބަދަލުގައި ބީއެމްއެލް އިން 300 މިލިއަން ރުފިޔާގެ ލޯނެއް ނެގުމަށް ސަރުކާރުން ކޮމެޓީގައި އެދިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.