ބޮލީވުޑްގެ އެންމެ މަޝްހޫރު ކަޕޫރު ޚާންދާނުގެ މެމްބަރެއް ކަމަށްވާ އާދަރު ޖައިން ލޯބިވެރިޔާ އަލީކާ އަދުވާނީއާ އެކު ރާއްޖެ އަތުވެއްޖެއެވެ.

ފިލްމު ކުޅުމުގެ އިތުރުން ބައެއް ފިލްމު ކުންފުނިތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އާދަރު ރާއްޖެ އައީ ލޯބިވެރިޔާ އަލީކާއަށް ކައިވެނި ހުށަހެޅުމުގެ ހައްސަ މުނާސަބާ ފާހަގަކުރުމަށެވެ.

ލޯބިވެރިޔާ އަލީކާއަށް ކައިވެނި ހުށަހެޅުމަށް ތައްޔާރުކޮށްފައި ހުރި ސެޓަޕްގެ ފޮޓޯތަކާ އެކު ދެ މީހުންގެ އެ ހާއްސަ ވަގުތުކޮޅުގެ ފޮޓޯތައް އާދަރު ވަނީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

މިހާތަނަށް ދެ ފިލްމަކުން ބެލުންތެރިންނަށް ފެނިފައިވާ އާދަރު ޖައިން އާއި ލޯބިވެރިޔާ އަލީކާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގައެވެ.

ލޯބިވެރިޔާ އަލީކާއާ އެކު ނަގާފައިވާ ފޮޓޯތަކާ އެކު 30 އަހަރުގެ އެކްޓަރު ބުނެފައި ވަނީ އަލީކާ އަކީ އޭނާގެ ފުރަތަމަ 'ކްރަޝް' ކަމަށާއި އެންމެ ގާތް ރަހްމަތްތެރިޔާ އަދި ދުވަސްކޮޅެއް ފަހުން ހަޔާތުގެ އުމުރު ދުވަހުގެ ބައިވެރިޔާ ކަމަށް ވާނެ ކަމަށެވެ.

އާދަރު ކުރީގެ ލޯބިވެރިޔާ ބަތަލާ ތާރާ ސުތާރިއާއާ އެކު--ފޮޓޯ/ޕިންކްވިލާ

އާދަރުގެ މި ޕޯސްޓަށް ކަޕޫރު އާއިލާގެ ގިނަ މެމްބަރުންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ބައެއް ތަރިން ވެސް ވަނީ ތަހުނިޔާ އާއި މުބާރަކްބާދީގެ މެސެޖުތައް ފޮނުވާފައެވެ.

އާދަރު ކުރިން ލޯބީގެ ގޮތުން އުޅުނު ޒުވާން ބަތަލާ ތާރާ ސުތާރިއާ އެކު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެއަށް އައިސްފައިވެއެވެ. ހަތަރު އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ތާރާ އާއި އާދަރު ވަކިވިކަން އިއުލާނު ކުރީ 2023ވަނަ އަހަރެވެ.

އާދަރު ޖައިން އަކީ ފިލްމީ ތަރިން ކަމަށްވާ ކަރީނާ، ކަރިޝްމާ އަދި ރަންބީރުގެ ބައްޕަ ފަރާތު ބޮޑު ދައިތަ ރީމާ ކަޕޫރުގެ ދެ ފިރިހެން ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ.