ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް ސްޕޭނާ ދެކޮޅަށް ކުޅޭއިރު އޭނާގެ ކުރިމަތީގައި އޮތީ ޒިންމާ އެއް ކަމަށާއި ޕްރެޝަރެއް ނެތް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ރޮނާލްޑޯ ބުނީ އޭނާ މުބާރާތް ފެށީ ރަނގަޅަށް ނޫން ނަމަވެސް އެހެން ކުޅުންތެރިންގެ އެހީއާއެކު މިހާރު ފޯމުގައި ހުރި ކަމަށެވެ. އަދި ސެމީ ފައިނަލްގައި ޗެމްޕިއަން ސްޕޭނާދެކޮޅަށް ކުޅެނެ ޖެހުނަސް އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ.

ސްޕޭން ޓީމުގައި ރޮނާލްޑޯއާއެކު ރެއާލް އަށް ކުޅޭ ބައިވެރު ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރޭގައި ކެޕްޓަން އަދި ކީޕަރު އިކާ ކަސިޔާސް އާއި ޑިފެންޑަރު ރައުލް އަލްބިއޯލް، ސާޖިއޯ ރާމޯސް، އަލްވާރޯ އާބެލޯއާ އަދި މިޑްފީލްޑަރު ޒަބީ އޮލޮންސޯ ހިމެނެ އެވެ. ދެން ތިބި ގިނަ ކުޅުންތެރިންނަކީ ރޮނާލްޑޯ އެބަޔަކާ ދެކޮޅަށް ކުޅެން އެންމެ ޖެހިލުންވާ ބާސެލޯނާގެ ކުޅުންތެރިންނެވެ.

ނަމަވެސް އޭނާ ބުނީ އަރާމު ކުރަން ވަގުތު ނެތް ކަމަށްބުނެ ސްޕޭނުން ދައްކަނީ ބަހަނާއަކަށްނުވާ ވާހަކަތަކެއް ކަމަށާއި ސްޕޭން ބަލިކުރެވިދާނެ ކަމަށެވެ.

"މިއީ އުނދަގޫ މެޗަކަށްވާނެ. އެކަމަކު ސްޕޭން ބަލިކުރެވިދާނެ. އެމީހުން ދައްކާ ވާހަކަތަކަކީ އަހަރެން ގަބޫލު ކުރާ ގޮތުގައި އަސްލެއްނެތް ބަހަނާތަކެއް،" މެންޗެސްޓާ ޔުނައިޓެޑުން ދުނިޔޭގެ ރެކޯޑް ފީއަކަށް ރެއާލް އަށް ބަދަލުވި ރޮނާލްޑޯ ބުންޏެވެ.