ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންތަކެއް ކުޅުދުއްފުށި ސިޓީއަށް ގެންދިޔަ ބޯޓެއްގެ ކެޕްޓަނަށް އިމިގްރޭޝަނުން މިއަދު ލިޔުމުން ނަސޭހަތް ދީފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދާ ކަމަށެވެ. އަދި މިއަދު ލިބުނު މައުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ބަލައި ފާސްކުރި ކަމަށް އެ ޚިދުމަތުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ފުލުހުންނާ ގުޅިގެން ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން އެ ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި ނުވަ މީހުންނަށް ނޯޓިސްދީ، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައިފައިވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ.

"އަދި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެ،" އިމިގްރޭޝަނުން ބުންޏެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ހޯދަން އިމިގްރޭޝަނުން މިދިޔަ ބުދަ ދުވަހު ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔައެވެ. އެގޮތުން އެ އޮޕަރޭޝަނުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވެ، 52 ގްރޫޕަކަށް ބަހާލައިގެން 26 ޒޯނެއް ބަލައި ފާސްކުރިއެވެ.

ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި އާބާދީގެ 26 ޕަސެންޓަކީ ބިދޭސީންނެވެ. މި ސަރުކާރުން އަންނަނީ ހުރިހާ ބިދޭސީންނާ ގުޅޭ މައުލޫމާތު އެއްކޮށް، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެ މަސައްކަތްތަކުގެ ތެރެއިން، ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެ ވިޔަފާރި ކުރަމުން އައި ކަމަށް ފާހަގަވި 3،322 ބިދޭސީން ފާއިތުވި ނުވަ މަސް ތެރޭގައި ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.