މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އަހުމަދު އަތުހަރަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުންގެ ބަންދުގައި ހުރި އަތުހަރު މިއަދު އައިޖީއެމްއެޗަށް ގެންދިޔައީ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުންނެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ އަތުހަރު އައިސީޔޫއަށް ބަދަލުކޮށް، ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެއާރުސީއެމް)އިން ދޫނިދޫ ކަސްޓޯޑިއަލްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަތުހަރަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ އިތުރު ތަފުސީލެއް ޝިފާން ނުދެއްވައެވެ.

އަތުހަރު އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނުކޮށްގެން ސައިކަލެއްގައި ދަނިކޮށް ފުލުހުން އޭނާ ހިފެހެއްޓީ މުގުރުން އޭނާގެ ބޮލުގައި ޖެހުމަށް ފަހުގައެވެ. އެއަށްފަހު އޭނާގެ ބޮލުން ލޭ ފައިބާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އޭނާއަށް ފުރަތަމަ އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗްގައި ވެސް ފަރުވާދިނެވެ.

އެ ފަރުވާއަށް ފަހު އޭނާ ދޫކޮށްލުމުން އަލުން ހައްޔަރުކުރިއެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މީގެ ކުރިން ފުލުހުން ވަނީ އަތުހަރު، ނަފުސާނީ ބައްޔާއި ނާރުގެ ބަލީގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކައިފައިވާ ކަމަށާއި އޭނާގެ އެފަދަ މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ބުނިކަން ހާމަކޮށްފައެވެ.

އެ މައްސަލައާ ގުޅޭ މައުލޫމާތު އެނގޭ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އަތުހަރު ރަހީނުކޮށްގެން ގެންގުޅުނީ އަތުހަރުގެ ލޯބިވެރިޔާއެވެ. ދެ މީހުން ދިރިއުޅެމުން އައި އެކީގައި، އެއް ގެއެއްގައެވެ. އަތުހަރަކީ ވަޒީފާއަކަށްދާ މީހެއް ނޫނެވެ.

އެހެންވެ، ގޭގެ ޚަރަދުތަކާއި ކުއްޔާއި އަދި އެ ނޫން ވެސް އަތުހަރުގެ ކަންކަމަށް ޚަރަދުކުރީ ލޯބިވެރިޔާއަށް ލިބޭ މުސާރައިން ކަމަށް ވެއެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ދެ މީހުންގެ މެދުގައި މައްސަލަ ގޯސްވީ އިތުރަށް ޚަރަދު ނުކުރާނެ ކަމަށް އަންހެން މީހާ ބުނުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވަނީ، އަންހެން މީހާ ސަލާމަތް ކުރަން ހިންގި އޮޕަރޭޝަނުގައި ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާވިކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން ވެސް ފުލުހުންގެ ބަންދުގައި ހުއްޓާ، އަމިއްލައަށް މަރުވުމުގެ ހާދިސާތަކެއް ހިނގައިފައިވެއެވެ. އެގޮތުން 2021ގައި، ވިލިމާލޭ ކަސްޓޯޑިއަލް ފެސިލިޓީގައި ބަންދުގައި ހުރި ބިދޭސީއަކު އަމިއްލައަށް މަރުވެފައިވެއެވެ.