01 Sep 2024, 21:00
އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލް ކްރިމިނަލް ކޯޓުގައި އަމިއްލައަށް ޖަވާބުދާރީވާން މިއަދު އެދިއްޖެއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާތަނަށް ބޭއްވި އަޑު އެހުންތަކުގައި ޝާހިލް އެއްޗެކޭ ބުނެފައިނުވެއެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ، މިއަދުގެ އަޑު އެހުމުގައި ޝާހިލް ގާނޫނީ ވަކީލުގެ އެހީތެރިކަން ބޭނުން ނުވާކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، އޭނާ އަމިއްލައަށް ޖަވާބުދާރީ ވާގޮތަށް ޝަރީއަތް ކުރިއަތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.
އެކޯޓުން ބުނެފައި ވަނީ ޝާހިލް އަމިއްލައަށް ދައުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާތީ އޭޖީއޯއިން ހަމަޖައްސައިދިން ވަކީލުންނާއި ދޫކޮށްފައިހުރި ލިޔުންތައް ޝާހިލްއާ ހަވާލުކުރުމަށް ނިންމާފައި ވާކަމަށެވެ. އަދި ކޯޓުގައި ބެލޭގޮތަށް، ހެކި ރައްކާކުރުމުގެ އަމުރު ނެރެފައިވާ ލިޔުންތައް ބެލުމަށް ޝާހިލް އެދިފައިވާތީ އެ ލިޔުންތައް ކޯޓުގައި ބެލޭނެ ނިޒާމު ޝާހިލަށް ހަމަޖައްސާދީފައި ވާކަމަށް އެ ކޯޓުން ބުންޏެވެ.
ދެން އޮންނަ އަޑުއެހުމެއްގައި ޝާހިލަށް ދައުވާ އިއްވައި، ޖަވާބުދާރީވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެ މައްސަލައިގައި ޝާހިލަށް ދައުލަތުން ވަކީލެއް ހަމަޖައްސާ އަޑުއެހުންތައް ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުގައެވެ. އެއަށްފަހު ޝާހިލް ވަކީލުންނާ ވާހަކަ ނުދައްކާތީ މައްސަލަ ހުއްޓިފައި އޮތް ކަމަށް މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އޭރުގެ ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.
ޝާހިލަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގައި އެ މައްސަލައިގައި ހިމެނޭ ހެކި ރައްކާތެރިކުރުމުގެ އަމުރެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނެރެފައެވެ.
ޝިއާއުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަނީ ހައެއްކަ މަސް ހޭދަކޮށްފައެވެ. ފުލުހުން އެންމެ ފުރަތަމަ ބުނީ އެ މައްސަލައިގެ ތަހުގީގު ނުނިމި ލަސްވީ ޝާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ ސަބަބު ނުހޯދިގެން ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން އެންމެ ފަހުން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.