ކުރިއަށް އޮތް ވޮލީ ސީޒަނުގައި ވާދަ ކުރާ ޕޮލިސް ޓީމުގެ ކޯޗަކަށް ކުރީގެ އެއްވަނަ ކުޅުންތެރިޔާ ޝާމިލް އާދަމް ހަމަޖައްސައިފި އެވެ.

ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ޝާމިލަށް ވޮލީ ކޯޗުކަން ދިނީ ހެޑްކޯޗު މުހައްމަދު ނަދީމް އަދި އޭނާގެ އެހީތެރިޔާ ފަތުހުﷲ ވަހީދު (ފައްލޯ) މާލެއިން ބޭރުގައި ޕޮލިހުގެ ވަޒީފާ އަދާކުރަން ޖެހުމުންނެވެ.

"ޝާމިލް އަކީ ވަރަށް ރަނގަޅު މީހެއް. އޭނާ އަށް ވަރަށް ބޮޑު ކާމިޔާބީއެއްމިއީ. އަހަރެން އެދެން ޝާމިލް އަށް ކުޅުންތެރިއެއްގެ ގޮތުން ލިބުނު ފަދަ ބޮޑު ކާމިޔާބީތަކެއް ކޯޗެއްގެ ގޮތުން ވެސް ލިބުމަށް،" ނަދީމްގެ ކޯޗުކަމުގައި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ޝާމިލްއާ ބެހޭ ގޮތުން އޭނާ މިއަދު ބުންޏެވެ.

ޝާމިލް ވަނީ ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދައިފަ އެވެ.