ދެކުނު އިރުމަތީ އޭޝިޔާގައި އިތުރުވަމުންދާ ޗައިނާގެ ބާރާއި ނުފޫޒާ ކުރިމަތިލުމަށް ޓަކައި އެ ސަރަޙައްދުގެ ޤައުމުތަކުގެ ބިމުން ޢަސްކަރީ ފަސޭހަތައް ހޯދުމަށް އެމެރިކާ މަސައްކަތްކުރަމުން އެބަގެންދެ އެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) އާ ޙަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނި ގޮތުގައި އޭޝިޔާ ޕެސިފިކް ސަރަޙައްދާއި ދެކުނު އިރުމަތީ އޭޝިޔާގަ އާއި ޗައިނާގެ ބާރާއި ނުފޫޒު އިތުރުވަމުން ދާތީ އެމެރިކާ ވަނީ ވަރަށް ކަންބޮޑުވެފަ އެވެ. މިކަންބޮޑުވުމާ އެކު 1970ގެ އަހަރުތަކުގައި ވިއެޓްނާމާއި ތައިލެންޑާއި ފިލިޕީންސްގައި އެމެރިކާ ބޭނުންކޮށްފައިވާ ޢަސްކަރީ ބޭސްތަކަށް އަލުން އެނބުރި އައުމަށް އެ ޤައުމުތަކާ އެކު އެމެރިކާ ވާހަކަ ދައްކަމުން ގެންދާ ކަމަށް މިނޫސް ބުނެ އެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ ދާދިފަހުން ވަނީ މީގެ 30 އަހަރުކުރިން ތައިލެންޑްގައި އެމެރިކާ ބޭނުންކުރި ވައިގެ ބޭހެއް އަލުން ބޭނުންކުރުމާބެހޭ ގޮތުން އެޤައުމުގެ މަސްއޫލުވެރިންނާ އެކު ބެންކޮކްގައި މަޝްވަރާތަކެއް ކުރައްވާފަ އެވެ. އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރެއްވި މިދަތުރުފުޅުގައި ޕެނެޓާ ވަނީ ވިއެޓްނާމަށް ވެސް ވަޑައިގެން 1973ގެ ވިއެޓްނާމް ހަނގުރާމައިގާ އެމެރިކާ ބޭނުންކުރި ކަނޑުގެ ޢަސްކަރީ ބަނދަރެއް އަލުން ބޭނުންކުރުމާބެހޭ ގޮތުން އެޤައުމުގެ މަސްއޫލުވެރިންނާ ހަނޯއިގާ މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ވޮޝިންޓަން ޕޯސްޓް ބުނާގޮތުން ޗައިނާގެ ބާރާއި ނުފޫޒާ ކުރިމަތިލުމަށް ޓަކައި ދެކުނު އިރުމަތީ އޭޝިޔާގައި ފައިހަރުކުރާނެ ޢަސްކަރީ ބޭސްތަކެއް އެމެރިކާ ހޯދަމުން ގެންދިޔަ ނަމަވެސް މިބޭސްތައް ދިގު މުއްދަތަކަށް ކުއްޔަށް ހިފުމުގައި މާލީގޮތުން އެމެރިކާއަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. އެހެންކަމުން އެމެރިކާ މަސައްކަތްކުރަމުން ގެންދަނީ ދާއިމީ ނޫން ގޮތަށް ހަމައެކަނި ބޭނުންޖެހިއްޖެ ޙާލަތްތަކުގައި އެމެރިކާގެ ޢަސްކަރީ މަތިންދާބޯޓުތަކާއި ޢަސްކަރީ މަނަވަރުތައް ބޭނުންކުރާ ގޮތަށް ކުޑައަގެއްގައި މިދެ ބޭސް ހޯދުމަށް ކަމަށް މިނޫސްބުނެ އެވެ.

މީގެ 30 އަހަރުކުރިން ތައިލެންޑްގައި އެމެރިކާ ބޭނުންކުރި ވައިގެ ބޭހަކީ އެމެރިކާގެ ވައިގެ ސިފައިން ގެންގުޅޭ އެންމެ ބިޔަ ޢަސްކަރީ ސްޓްރެޓީޖިކް ބޯޓުތައް ކަމަށްވާ ބީ 52 މަރުކާގެ ބޯޓުތައް ޖެއްސޭ ގޮތަށް ތަރައްޤީކޮށްފައިވާ ބޭހެކެވެ. ބީ 52 މަރުކާގެ ބޯޓުތަކުގެ އިތުރުން އެމެރިކާގެ ސްޓެލްތް މަރުކާގެ ޢަސްކަރީ ބޯޓުތަކާއި ޢަސްކަރީ ކާގޯ މަތިންދާބޯޓުތައް ޖެއްސޭ ގޮތަށާއި އެފަދަ ބޯޓުތަކަށް ބޭނުންވާ މަރާމާތުގެ ޚިދްމަތްތަކާއި ލޮޖިސްޓިކް ޚިދްމަތްތައް ލިބޭ ފަދަ ބޭހަކަށް މިބޭސް ތަރައްޤީކުރަން އެމެރިކާ ބޭނުންވެ އެވެ.

ވިއެޓްނާމް ހަނގުރާމައިގާ އެމެރިކާ ބޭނުންކުރި ވިއެޓްނާމްގެ ކާމްރާން ކަނޑުގެ ޢަސްކަރީ ބަނދަރަކީ ވަރަށް ފުން އަދި ސްޓްރެޓިޖިކް ބަނދަރެކެވެ. މިބަނދަރުގެ ބޭނުން އެމެރިކާ އަށް ބޮޑު ވަނީ އެއީ މަތިންދާބޯޓު އުފުލާ މަނަވަރުތައް ވެސް ގާތްކުރެވޭވަރުގެ ފުންބަނދަރަކަށް ވެފައި އެތަނުން އެފަދަ މަނަވަރުތަކަށް ބޭނުންވާ މަރާމާތާއި ލޮޖިސްޓިކް ޚިދްމަތްތައް ދެވޭނެއިންތިޒާމް ފަސޭހައިން ހަމަޖެއްސޭނެތީ ކަމަށް ވެސް ވޮޝިންގޓަން ޕޯސްޓް ބުނެ އެވެ.