01 Sep 2024, 13:14
އިނާ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް، އޭސް ޓްރެވަލްސް އަދި ގަތަރު ކާގޯ އޮފީހަށް ގެއްލުންދީ، ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ރ. މީދޫ ބުލްބުލާގޭ އުމުރުން 40 އަހަރުގެ އަޒްމީލް މުޙައްމަދެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައިގެ ތުހުމަތުގައި އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ކަމަށެވެ.
މި ކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
ދޭތެރެ ދޭތެރެއިން މާލެއިން ވައްކަން ކުރުމާއި މިސްކިތްތަކަށް ބައެއް ކަހަލަ ގެއްލުން ދިނުމުގެ މައްސަލަތައް ވެސް ފެންމަތިވެއެވެ.
މީގެ އިތުރުން، މަގު ބައްތިތަކުގެ ކޭބަލްތައް ބުރިކޮށްލައިގެން ވަގަށް ނަގާކަމުގެ މައްސަލަތައް ވެސް ދޭތެރެއަކުން ފެންމަތިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،474 މައްސަލައެއްގެ ރިޕޯޓު އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.