ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން މަސައްކަތްކުރާ އެންމެ ބޮޑު އެއް ބާރަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެބްސައިޓް މެދުވެރިކޮށް މޫސަ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން އެމްޑީޕީން ކުރާ މަސައްކަތުގައި މިހާރު ކުރަންޖެހިފައިވާ އެންމެ ފުރަތަމަ މަސައްކަތަކީ ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ހޮވުން ކަމަށެވެ. އަދި އެފަދަ ވެރިއަކު ހޮވަން އަވަސް އިންތިޚާބެއް ބާއްވަން އެމްޑީޕީން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް އެޕާޓީއާއި ވާދަ ކުރެވޭނެ ކަމަށާއި ނަމަވެސް އެމްޑީޕީއަށް ވުރެ ކުރިއަށް ނުދެވޭނެ ކަމަށެވެ.

"މުޅި އޮޑީގައި ހަސަނުގެ ދެފައި އޮންނަހެން އޮންނަން އެމްޑީޕީ ބޭނުމެއް ނޫން. ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް އެމްޑީޕީއާއި ވާދަކުރެވޭނޭ. އެހެން ނަމަވެސް އެމްޑީޕީއަށް ވުރެ މޮޅެއް ނުވެވޭނޭ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްކޮށް، އިންސާނީ ހައްގުތަކާއި ފަރުދީ މިނިވަންކަމަށް ވަކާލާތު ކުރަން ފެށީ އެމްޑީޕީން ކަމަށެވެ. އަދި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދީ، 18 އަހަރުން މަތީގެ މީހުންނަށް ވޯޓުލުމުގެ ހައްގު ހޯދައިދީފައި ވަނީ ވެސް އެމްޑީޕީން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އާ ގާނޫނު އަސާސީ ވުޖޫދަށް ގެނެސް ގިނަ ޕާޓީ އެކުލެވޭ ފުރަތަމަ އިންތިޚާބެއް ބޭއްވުމުގެ މަގުފަހިކޮށް ދީފައިވަނީ އެމްޑީޕީން ކަމަށާއި އެމްޑީޕީގެ މެންބަރުންނަކީ ފެށުނީއްސުރެ ދެ ގޮތެއް ނުވެ، ވޭތުވެދިޔަ ހަތް އަހަރުގައި ވެސް ފަރުދީ މިނިވަން ކަމާއި، ޑިމޮކްރަސީއަށް ޓަކައި މަސައްކަތްކުރި ހިއްވަރުގަދަ ބައެއް ކަމަށެވެ.