01 Sep 2024, 10:01
ދިވެހިރާއްޖެއަށް ބޮޑެތި އަދަދުތަކުން އިންވެސްޓްކުރާ އިންވެސްޓަރުންނަށް މި ގައުމުން ބޯހިޔާވަހިކަން ހަމަޖައްސައިދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކުރަން މިއަދުގެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ބޮޑެތި އަދަދުތަކުން އިންވެސްޓްކުރާ މީހުންނަށް ބޯހިޔާވަހިކަން ދިނުމަކީ ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ދުނިޔޭގެ ބައެއް ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތަށް އިގުތިސާދު ސިންދަފާތުކުރުމުގެ ގޮތުން އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ކުރިއަށް ގެންދަން މަޝްވަރާކުރާނެ ކަމަށެވެ.
"ވަރަށް ތަފާތު، އެހެންނަމަވެސް ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް. އަދި، ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ކަންކުރާ ގޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމްތަކަކީ ސިންގަޕޫރު އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ވެސް ހިންގާ ޕްރޮގްރާމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމަކު، އެ ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ގެންދާނެ ގޮތާ ގުޅޭ އިތުރު ތަފުސީލެއް އެ މަނިކުފާނު ދެއްވައިފައެއް ނުވެއެވެ.
އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމަކީ ގައުމުތަކަށް ބޮޑެތި އަދަދުތަކުން އިންވެސްޓްކުރާ މީހުންނަށް އެ ގައުމަކުން ބޯހިޔާވަހިކަން ހަމަޖައްސައިދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މީގެ އިތުރުން، ސަރުކާރުގެ އިތުރު ހަ ކުންފުންޏެއް އެއްކޮށްލުމާ ގުޅޭ މަޝްވަރާތައް ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ކުރަން ވަނީ ނިންމައިފައެވެ. އެގޮތުން އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރޭގައި:
ރީޖަނަލް އެއާޕޯޓް ކޮމްޕެނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރަން މަޝްވަރާކުރުން
- ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެއްކުރަން މަޝްވަރާކުރުން
- މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)އާ އެއްކުރަން މަޝްވަރާކުރުން
މިހާރު އޮންނަ ގޮތުން ރީޖަނަލް އެއާޕޯޓްސްއަށް ވަކި ކުންފުންޏެއް އޮންނައިރު ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަން އެއާޕޯޓު ހިންގަނީ އެމްއޭސީއެލުންނެވެ. އަދި، އެޗްޑީސީ އޮތް ނަމަވެސް އެފްޑީސީން ވެސް އަންނަނީ ހުޅުމާލޭގައި ހައުސިންގެ މަސައްކަތް ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ އިންތިހާއަށް ދަރަނި ބޮޑުވެފައި އޮތް ފެނަކަ ކޯޕަރޭޝަން، ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައިފައެވެ.
ދައުލަތަށް ބުރައަކަށް ވާގޮތަށް ހިންގަމުން އައި ސަރުކާރުގެ ބައެއް ކުންފުނިތައް ބޮޑެތި ކުންފުނިތަކުގެ ދަށަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ، އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ޚަރަދު ކުޑަކުރަން ކަނޑައެޅި ސިޔާސަތެކެވެ.
ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރަން ސަރުކާރުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން، އާސަންދައާއި ސަބްސިޑީތައް ޓާގެޓުކުރާއިރު ޑޮލަރުން އާމްދަނީ ލިބޭ ކުންފިނިތަކުން ޑޮލަރުން ބައެއް ޓެކްސްތައް ދައްކަންޖެހޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެ، ބައިނަލްއަގުވާމީ މާލީ ރޭޓިން އެޖެންސީ ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. އެކަމަކު، މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު ރޭޓިން ރަނގަޅުވާނެ ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފައެވެ.