26 Jun 2012, 14:50
ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު މެޗްތައް ޕޮލިސް ކުލަބުންނާއި އެސްޓީއޯ ރެކްރިއޭޝަން އިން ކާމިޔާބު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމާ ވާދަކޮށް ސީދާ ތިން ސެޓުން ނެވެ. މެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-16، 25-18 އަދި 25-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބްގެ މަރިޔަމް އަޒީފާ އެވެ.
މުބާރާތުގައި ޕޮލިސް ކުލަބް ކުޅުނު ފުރަތަމަ މެޗް އެ ޓީމުން ކާމިޔާބު ކުރީ، އައިލެންޑް އޯޝަން ކުލާބާ ވާދަކޮށް ސީދާ ތިން ސެޓުން ނެވެ.
މީގެ އިތުރުން މުބާރާތުގައި ރޭ ކުޅުނު ފަސް ވަނަ މެޗް އެސްޓީއޯ އިން ކާމިޔާބު ކުރީ ކުލަބް ޕޯލް ސްޓާއާ ވާދަކޮށް ސީދާ ތިން ސެޓުން ނެވެ. މެޗްގެ ސެޓްތައް އެސްޓީއޯ އިން ކާމިޔާބު ކޮށްފައި ވަނީ 25-6، 25-11 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެސްޓިއޯ ޓީމުގެ ނަސްރާ އިބްރާހިމެވެ.
މުބާރާތުގައި އެސްޓީއޯ ކުޅުނު ފުރަތަމަ މެޗް އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ އެމްއެސްހެލްޕިން ހޭންޑާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގައި މިއަދު ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ އައިލެންޑް އޯޝަން ކުލާބާއި އަމިކާ ސްޕޯޓްސް ކުލަބެވެ. މެޗް ފަށާ ގަޑިއަކީ ހަވީރު 4:45 ގަ އެވެ. އަދި މިރޭ 8:45ގައި ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ އެމްއެސްހެލްޕިން ހޭންޑާއި ކުލަބް ޕޯލް ސްޓާއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން، ޖުމްލަ ހަތް ޓީމް ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގުރޫޕަކުން ވެސް އެއް ވަނަ ހޯދާ ދެ ޓީމެއް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ކުރިމަތިލާނީ ދެ ގުރޫޕްގެ އެއް ވަނަ އެވެ. ސެމީގެ ދެވަނަ ޖާގަ ލިބޭނީ ގުރޫޕް އޭގެ ދެވަނަ އާއި ގުރޫޕް ބީގެ ތިން ވަނަ ޓީމު ކުޅޭ އެލިމިނޭޝަން މެޗާއި ގުރޫޕް ބީގެ ދެވަނަ އާއި ގުރޫޕް އޭގެ ތިން ވަނަ ޓީމު ކުޅޭ އެލިމިނޭޝަން މެޗުން މޮޅުވާ ދެ ޓީމަށެވެ. ދެވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމު އަތުން ތިން ވަނަ ސެމީގައި ވާދަކޮށް މޮޅުވެގެންނެވެ.
މުބާރާތުގެ ގްރޫޕް އޭ ފަޅީގައި ހިމެނޭ ޓީމްތަކަކީ ޕޮލިހާއި އޯޝަން ކުލަބާއި އަމިކާ ސްޕޯޓްސް ކުލަބް އަދި މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި އެމްއެސް ހެލްޕިން ހޭންޑް އަދި ކްލަބް ޕޯލް ސްޓާ އެވެ.