ބޮލީވުޑްގެ ބައެއް ފިލްމީތަރިން ސިއްހަތަށް ގެއްލުންވާ ކެއުންތަކުން ދުރުވުމަށް އާއްމުން ހޭލުންތެރި ކުރުވި ނަމަވެސް އެފަދަ އުފެއްދުންތައް އިޝްތިހާރު ކުރާތީ މަޝްހޫރު ޔޫޓިއުބަރު ނިތިން މޯރިޔާ ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ދާދި ފަހުން ނިތިންގެ އަމިއްލަ ޔޫޓިއުބު ޗެނަލްގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ބޮލީވުޑްގެ ބައެއް ތަރިން އަމިއްލަ ހަށިގަނޑަށް ފަރުވާތެރިވެ، ގެއްލުންދޭ ކެއުންތަކުން ދުރުވި ނަމަވެސް އެފަދަ އުފެއްދުންތައް ފޯރީގައި ޕްރޮމޯޓުކުރާ ކަމަށް ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ކާތިކް އާރްޔަން، ރިތިކް ރޯޝަން، ސަމަންތާ ރޫތް ޕްރަބޫ އަދި އާލިއާ ބަޓް ހިމެނެއެވެ.

ނިތިންގެ ޔޫޓިއުބު ވީޑިއޯ އެކްސްގައި ވެސް ދައުރުވެ، އާއްމުންގެ ސަމާލުކަން ހޯދަމުން އަންނައިރު އޭނާގެ އެދުމަކީ ވީހާ ވެސް ގިނަ ބަޔަކު އެ ވީޑިއޯ އާއްމުންނާ ހިއްސާ ކުރުމެވެ.

ވަރަށް ގިނަ ފިލްމީތަރިން ޕްރޮމޯޓްކުރާ އުފެއްދުންތައް ނަކަލުކޮށް، އެ ތަރިންގެ ސަޕޯޓަރުން އެ އުފެއްދުންތައް ބޭނުންކުރެއެވެ. އެހެންނަމަވެސް، އެފަދަ ކެއުންތަކާ ދުރުވުމަށް ވެސް ގޮވާލަނީ ފިލްމީތަރިން ކަމަށާއި ދައްކާ ވާހަކަތަކުގެ އެއްވެސް އަގެއް ނެތް ކަމަށް ނިތިން ވަނީ ބުނެފައެވެ.

ފިލްމީތަރިން ކަމަށްވާ ރިތިކް ރޯޝަން، ސަމަންތާ އަދި ކާތިކް ކުޅެފައިވާ ބައެއް އިޝްތިހާރުތައް--ފޮޓޯ/ހިންދުސްތާންޓައިމްސް

ކާތިކް އާރްޔަން ފަދަ ފިލްމީ ތަރިން އެކި ޝޯތަކުގައި ޖަންކް ފުޑްތައް ކެއުން ހުއްޓައިލާ ހަކުރުގެ މިންވަރު މަތި އުފެއްދުންތަކާ ދުރުވުމަށް ނަސޭހަތްދޭއިރު ޓީވީ ހުޅުވާލާއިރު ގިނަ ފަހަރަށް ފެންނަ މަންޒަރު ތަފާތު ކަމަށް ފިޓްނެސް ދާއިރާއިން އާއްމުން ހޭލުންތެރި ކުރުވުމަށް މަސައްކަތްކުރާ ޔޫޓިއުބަރު ވަނީ ބުނެފައެވެ.

ތަފާތު އެކި ވައްތަރުގެ ޗޮކްލެޓާއި، ބާގަ، ޕިއްޒާ ފަދަ ކެއުންތައް ފިލްމީތަރިން އެންޑޯޒް ކުރާއިރު ބޮލީވުޑްގެ ބައެއް ޕާޓީ ތަކުގައި ފިލްމީ ތަރިން ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މަންޒަރަކީ ވެސް ވަރަށް އާއްމު މަންޒަރެކެވެ.