އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް, ކޮލްކަތާގައި ބާއްވަން ނިންމި މިއުޒިކް ކޮންސެޓް ފަސްކޮށްފިއެވެ.

ޝްރެޔާގެ މިއުޒިކް ކޮންސެޓު ކޮލްކަތާގައި ބޭއްވުން ފަސްކޮށް. ރީ-ޝެޑިއުލް ކުރަން ނިންމާފައިވަނީ ދާދި ފަހުން އެ ސިޓީގައި ހިނގި ރޭޕްގެ ހާދިސާއާ ގުޅިގެންނެވެ. އަމިއްލަ އިންސްޓަގްރާމްގައި އެކަން އިއުލާނުކުރަމުން ޝްރެޔާ ބުނެފައިވަނީ އަންހެން ޑޮކްޓަރަކު ރޭޕްކުރުމަށް ފަހު އަނިޔާވެރި ގޮތަކަށް މަރާލި ޚަބަރާ ގުޅިގެން އޭނާއަށް ވެސް ވަރަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

މިއުޒިކް ކޮންސެޓު ފަސްކުރަން ނިންމާފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހަށެވެ. ނަމަވެސް ސީދާ ދުވަހެއް ނުބުނެއެވެ.

މި ރޭޕް މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިއަށްދާއިރު ކޮލްކަތާގެ އިތުރުން އިންޑިއާގެ ގިނަ ބަޔަކު އަންނަނީ އަދިވެސް އެކަމާ ގުޅިގެން ހިތާމަ ފާޅުކުރަމުންނެވެ. އެފަދަ ދަނޑިވަޅެއްގައި ޝްރެޔާ ބޭނުން ވަނީ އެ ހިތާމައިގެ ބައިވެރިވާން ކަމަށާއި ލަވަކިޔުންތެރިޔާ ހުރީ ކޮލްކަތާގެ ރައްޔިތުންނާ އެކުގައި ކަމަށް ވަނީ ބުނެފައެވެ.

ކޮލްކަތާ ރޭޕްގެ ހާދިސާއާ ގުޅިގެން ކުރިޔަށްގެންދިޔަ މުޒާހަރާއެއް--ފޮޓޯ/ދަމޯލްޑިވްސްޖާނަލް
ކޮލްކަތާގެ ހޮސްޕިޓަލެއްގައި މިދިޔަ މަހުގެ ނުވަވަނަ ދުވަހު ރޭޕްކޮށް، މަރާލާފައިވަނީ ޢުމުރުން 31 އަހަރުގެ ޒުވާނެކެވެ. މި މައްސަލައާ ގުޅިގެން މަސައްކަތްކުރާ މާހައުލަކީ އަންހެނުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށްދިނުމަށް ގޮވާލާ އެތައް ބަޔަކު އަންނަނީ އިންޑިއާގައި މުޒާހަރާ ކުރަމުންނެވެ.

އަނިޔާވެރި ގޮތަކަށް މަރާލި ޒުވާން ޑޮކްޓަރަށް އިންސާފު ހޯދުމަށް އެދި ކުރަމުންދާ ސިލްސިލާގެ މުޒާހަރާތައް ހޫނުވެ، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ހިނގި ކުރިމަތިލުންތަކަކަށް ފަހު 100 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފައެވެ.