26 Jun 2012, 14:49
އަންނަ މަހުގެ 11 އިން 14 އަށް ބަގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑް ނެގުމަށް ބާއްވާ އެންމެ ފަހު ސިލެކްޝަން މިމަހު 29 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ގައުމީ ކެރަމް ސްކޮޑް ނެގުމަށް އަންނަ ހުކުރު ދުވަހު ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލްގައި ބާއްވާ ސިލެކްޝަންގައި ޖުމްލަ 22 ކުޅުންތެރިޔަކު ވާދަކުރެ އެވެ. އެއީ ފިރިހެން 14 ކުޅުންތެރިންނާއި އަންހެން އަށް ކުޅުންތެރިންނެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަމުން ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން ވިދާޅުވީ، މުބާރާތުގައި ވާދަކުރުމަށް ޑާކާ އަށް ދާ ގައުމީ ސްކޮޑަށް ނަގަނީ ޖުމްލަ ހަ ކުޅުންތެރިން ކަމަށެވެ. އެއީ އަންހެން ތިން ކުޅުންތެރިންނާއި ފިރިހެން ތިން ކުޅުންތެރިން ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމް ޑާކާއަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ވެސް މުބީން ވިދާޅުވި އެވެ.
މިދިޔަ އަހަރު މާލޭގައި ބޭއްވި 15 ވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރި ފަސް ގައުމުގެ ތެރެއިން ރާއްޖެ ދިޔައީ ތިން ވަނަ އަށެވެ.