31 Aug 2024, 20:52
އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުން އެންމެ ފަހުގެ ފިރިހެން ސިންބަލްސް ޗެމްޕިއަން އަދި މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ކަޓައިފިއެވެ.
މި މުބާރާތުން ޖޯކޮވިޗް ބަލިވެފައިވަނީ ތިންވަނަ ބުރުގައި މި މުބާރާތުގައި އަށާވީސް ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސީ ޕޮޕިރިން އާއި ބައްދަލުކުރި މެޗުން ތިން ސެޓު އެއް ސެޓުން ބަލިވުމުންނެވެ.
މި މެޗުގެ ފުރަތަމަ ދެސެޓު ޕޮޕިރިން ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. ނަމަވެސް ތިންވަނަ ސެޓު ޖޯކޮވިޗްވަނީ ދެއެއް ހަޔަކުން ކާމިޔާބުކޮށް އުންމީދު އާކޮށްފައެވެ. ނަމަވެސް އާންމުކޮށް ފަހަތުން އަރާ މެޗު ކާމިޔާބު ކުރުމަށް މަޝްހޫރު ޖޯކޮވިޗްއަށް މިމެޗުގައި އެކަން ތަކުރާރު ކުރެވޭގޮތެއް ނުވިއެވެ.
އަދި ނަތީޖާއަކަށް ވެގެންދިޔައީ ޕޮޕިރިން އިން މެޗުގެ ހަތަރުވަނަ ސެޓު ހައެއް ހަތަރަކުން ކާމިޔާބުކޮށް ހަތަރުވަނަ ބުރުން ޖާގައެއް ކަށަވަރު ކުރުމެވެ. މި ނާކާމިޔާބީއާއެކު ޖޯކޮވިޗްއަށް މިވަނީ 2017 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ނުކުރެވި ސީޒަނެއް ނިންމާލަން ޖެހިފައެވެ.
މި ސީޒަންގައި އޭނާއަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ނުލިބި އޮތް އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ރަން މެޑަލް ހާސިލް ކުރެވުމެވެ. މެޗަށް ފަހު އުމުރުން 37 އަހަރުގެ ޖޯކޮވިޗް ހާމަކުރިގޮތުގައި އޭނާ މިމެޗުގައި ކުޅެފައިވަނީ މުޅި ކެރިއަރަށް ބަލާއިރުވެސް އެންމެ ފީކަޅާ އެއް ކުޅުމެވެ.
ޖޯކޮވިޗް އެކޭ އެއްގޮތަށް މި މުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ވެސް ވަނީ މިމުބާރާތަށް އަލްވަދާއު ކިޔާފައެވެ. އޭނާ ބަލިވެފައިވަނީ ސީޑުވެސް ނުކުރެވޭ ނެދަލަންޑްސްގެ ކުޅުންތެރިއެއް ކަމުގައިވާ ބޮޓިކް ވެން ޑެ ޒާންޑްޝުޕް އާއި ބައްދަލުކުރި މެޗުން ބަލިވުމުންނެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ހަތަރުވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރެވް އާއި އާޖެންޓީނާގެ ތޯމަސް މާޓިން އެޓްޗެވެރީ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށް ޒުވަރޭވްވަނީ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފައެވެ.
އޭނާ މިމެޗު ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ސެޓު ފަހެއް ހަތަކުން އެޓްޗެވެރީ ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރާ ޖެހިގެން އައި ތިން ސެޓު ހައެއް ފަހެއް، ހައެއް އެކެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ޒުވަރޭވް ބައްދަލުކުރާނީ މި މުބާރާތުގައި 18 ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީ ބަލިކުރި އެމެރިކާގެ ބްރެންޑަން ނަކަޝިމާ އާއެވެ.
ނަކަޝިމާ މި މެޗު ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް، ތިނެއް ހައެއް، ހައެއް ތިނެއް ަދި ހަތެއް ހަޔަކުންނެވެ. މި މުބާރާތުގެ ތިންވަނަ ބުރުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗަކަށް ވެގެންދިޔައީ އެމެރިކާގެ ދެކުޅުންތެރިންކަމަށްވާ ތޭރަވަނައަށް ސީޑު ކުރެވިފައިވާ ބެން ޝެލްޓަން އާއި ވިހިވަނައަށް ސީޑު ކުރެވިފައިވާ ފްރަންސެސް ޓިއަފޯ ބައްދަލުކުރި މެޗެވެ.
މި މެޗު ތިން ސެޓް ދެސެޓުން ކާމިޔާބު ކޮށް ހަތަރު ވަނަ ބުުރުން ޖާގަހޯދީ ޓިއަފޯއެވެ. މި މެޗުގެ ފުރަތަމަ ސެޓު ހަތަރެއް ހަޔަކުން ޝެލްޓަން ކާމިޔާބު ކުރި އިރު ދެވަނަ ސެޓު ހަތެއް ފަހަކުން ކާމިޔާބު ކުރީ ޓިއަފޯއެވެ.
އަދި ތިންވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ފަހަކުން ސެލްޓަން ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެސެޓު ޓިއަފޯ ވަނީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްފައެވެ.
މީގެ އިތުރުން ހަވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވް އާއި އަށް ވަނައަށް ސީޑު ކުރެވިފައިވާ ނޯވޭގެ ކެސްޕާ ރޫޑްވެސްވަނީ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފައެވެ.