ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިގްތިސާދީ ޕެކޭޖްގެ ދަށުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާ ލައްވައިފި އެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލް ތަސްދީގު ކުރެވެން ނެތް ސަބަބު ބަޔާންކުރައްވާ ރައީސް ވަހީދު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެ ބިލު މަޖިލީހުން ފާސް ކުރި ގޮތުން އިންޕޯޓް މުދާ ވިއްކާ ތަންތަނާއި ސައި ހޮޓަލާއި ކެންޓީން ފަދަ ތަންތަން ރަޖިސްޓްރީ ކުރަން ލާޒިމު ނުވާ ކަމަށެވެ. އަދި ބިލް ތަސްދީގު ކުރުމާއެކު އިންޕޯޓް މުދާ ވިއްކާ ތަންތަނާއި ސައި ހޮޓަލާއި ކެންޓީނާބެހޭ ގާނޫނު އުވޭނެ ކަމަށެވެ.

އިތުރަށް ވިދާޅުވެފައި ވަނީ ބިދޭސީންނަށް ރާއްޖޭގައި ކުރެވޭ ވިޔަފާރީގެ ދާއިރާތައް ބިލުގައި ހަނިކޮށްފައި އޮތުމުން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓުމަންޓްތައް ރާއްޖެ ދޫކޮށް ދިއުމަކީ ކައިރިކަމެއް ކަމަށެވެ.

"އިސްވެ ދެންނެވުނު ކަންކަން އެހެން ހުރުމާއެކު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާއި، ތަސްދީގު ކުރުމަށްޓަކައި އަޅުގަނޑަށް ފޮނުއްވި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާމެދު މަޖިލިހުން އަލުން ވިސްނާވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އެ ބިލު މަޖިލީހަށް އަނބުރާ ފޮނުވީމެވެ،" ރައީސްގެ ސިޓީފުޅުގައިވެ އެވެ.

ބިލު މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވުމުން އެ ބިލް އަލުން ދިރާސާ ކުރަން އިގްތިސާދީ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ. ކޮމެޓީއަށް އެ ބިލް ފޮނުވާލަން ފާސްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 72 މެންބަރުންގެ ތެރެއިން 70 މެންބަރުން އަގުލަބިއްޔަތުންނެވެ.