19 Aug 2010, 06:33
11:30
ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައި އޮތް ފުރުސަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އެމްޑީޕީ ސެކްރެޓޭރިއެޓްގެ މިޑިޔާ އޮފިޝަލު އިބްރާހިމް ރާމިޒް މިއަދު ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޯގަސްޓް 31 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރު ކުރި ނަމަވެސް މަދު ދާއިރާތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުކޮށްފައިވާ ކަމަށެވެ.
ޓިކެޓް ހޯދަން ކުރިމަތިލުމުގެ ފުރުސަތު ބަންދުކޮށްލި ދާއިރާތަކަކީ ތިނަދޫ ދާއިރާ އާއި މަޑަވެލީ ދާއިރާ އާއި ވިލިނގިލީ ދާއިރާ އާއި ފަރެސްމާތޮޑާ ދާއިރާ އާއި ގައްދޫ ދާއިރާ އާއި ގެމަނަފުށީ ދާއިރާ އެވެ.
ރާމިޒު ވިދާޅުވީ ފުރުސަތު ބަންދުކޮށްފައިވާ ހަ ދާއިރާއަކީ ލޯކަލް ކައުންސިލްތަކުގެ ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދަން ކުރިމަތިލާނެ ފަރާތްތަކުގެ ހުރިހާ ކަމެއް ހަމަޖެހި ނިމިފައިވާ ދާއިރާތަށް ކަމަށެވެ. އަދި ދާޅުވީ އެ ދާއިރާތަކަށް އެމްޑީޕީގެ ފެކްޓް ފައިންޑިން މިޝަންތައް ވެސް ގޮސް ބަލާފައިވާ ކަމަށެވެ.
ހުރިހާ ދާއިރާތަކަކުން އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުކުންނަން ބޭނުންވާ ފަރާތްކަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން ކުރިން ހުޅުވާލާފައި އޮތީ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޯގަސްޓް 10 ވަނަ ދުވަހަށެވެ.