31 Aug 2024, 18:34
އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެމްބަރަކު ކެބިނެޓަށް އައްޔަން ކުރައްވާނެ ކަމަށް ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ކަމާލާ ހެރިސް ވިދާޅުވެއްޖެއެވެ.
ހެރިސް އެގޮތަށް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ދައްކަން ހަމަޖެހިފައިވާ ސީއެންއެން އިންޓަވިއުއެއްގެ ކްލިޕެއްގައެވެ. އޭނާ ވިދާޅުވީ އަބަދުވެސް ތަފާތު ވިސްނުންތަކަށް މަރުހަބާ ކިޔާނެ ކަމަށެވެ.
"އަޅުގަނޑުގެ ކެރިއަރު ހޭދަކޮށްފައިވާނީ ތަފާތު ޚިޔާލުތަކަށް ދައުވަތު ދިނުމުގައި. އަޅުގަނޑަށް ހީވަނީ މުހިންމު ނިންމުތައް ނިންމާއިރު، ތަފާތު ވިސްނުންތަކާއި ތަޖުރިބާތައް ހުރި މީހުން ތިބުމަކީ މުހިންމު ކަމެއްހެން... އަދި އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ކެބިނެޓްގެ މެމްބަރެއްގެ ގޮތުގައި ރިޕަބްލިކަން ޕާޓީގެ މެމްބަރަކު ހުރުމަކީ އެމެރިކާގެ އާންމުންނަށް ފައިދާހުރި ކަމެއް ކަމަށް،" ހެރިސް ވިދާޅުވިއެވެ.
އެ އިންޓަވިއުއަކީ މިދިޔަ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ރިޔާސީ އިންތިޚާބުން ވަކިވެވަޑައިގެން، އެ މަގާމަށް ހެރިސް ކުރިމަތިލެއްވުމަށް ތާއީދުކުރެއްވި ފަހުން، ހެރިސް ދެއްވި ފުރަތަމަ އިންޓަވިއުއެވެ.
އިދިކޮޅު ރިޕަބްލިކް ޕާޓީގެ މެމްބަރުން އެމެރިކާގެ ކެބިނެޓްގައި މީގެކުރިން ވެސް ވަނީ ހިމަނާފައިވެއެވެ.
އެގޮތުން އެ ގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ އެމަނިކުފާނުގެ ކެބިނެޓަށް ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ނޮމިނޭޓް ކުރައްވާފައެވެ. އޭގެ ތެރޭގައި ރޭ ލާހޫޑާއި ރޮބާޓް ގޭޓްސް ހިމެނެއެވެ. ލާހޫޑް ހަމަޖައްސަވައިފައި ވަނީ ޓްރާންސްޕޮޓޭޝަން ސެކްރެޓްރީގެ މަގާމަށެވެ. އަދި ގޭޓްސް ހަމަޖައްސަވައިފައި ވަނީ ޑިފެންސް ސެކްރެޓަރީގެ މަގާމަށެވެ.
ރިޕަބްލިކަން ޕާޓީގެ ރައީސުން ވެސް ވަނީ އިދިކޮޅު ޕާޓީގެ މެންބަރުން ކެބިނަޓަށް އައްޔަން ކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ޑެޕިއުޓީ ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ރޮބާޓް ވޯކް ހިމެނެއެވެ. ވޯކް އަކީ އޭގެކުރިން އޮބާމާގެ ވެރިކަމުގައި ވެސް އެ މަގާމު އަދާކުރެއްވި ބޭފުޅާއެވެ.