31 Aug 2024, 14:53
"ލިމް އަހަންނަށް..." ލިމްޔާގެ ހާލު ފެނި ރަޔާނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
********
ލިމްޔާ ދެރަވަނީ ކީއްވެކަން ރަޔާނަށް އެނގެއެވެ. އެކަމަކު، ލިމްޔާ އުފާކޮށްދޭން ރަޔާނަށް ކުރެވޭނެ ކަމެއް ނެތެވެ. ރަޔާންއަކީ މިހާރު މީހެއްގެ ފިރިއެކެވެ.
ރަޔާން އަބަދުވެސް ދެކުނީ ލިމްޔާއަކީ އޭނާގެ ގާތް އެކުވެރިއެއްގެ ގޮތުގައެވެ. އެކީގައި އެތައް ވަގުތެއް ހޭދަކުރެވިފައިވާއިރު، ރަޔާންގެ ހިތުގައި ލިމްޔާއަށް ހާއްސަ ގަދަރެއް ދެވިފައިވިއެވެ. އެކަމަކު، ހަމައެކަނި ގާތް އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. ރަޔާން ދެރަވީ، ދެމީހުންގެ އެކުވެރިކަމުން ލިމްޔާއަށް ލިބުނީ ހިތްދަތިކަމެއް ކަމުގައި ވީތީއެވެ. ލިމްޔާއަށް އުފާވެރި ދިރިއުޅުމަކަށް ހުރަސް އެޅުނީ ރަޔާންގެ ސަބަބުން ކަމުގައި ވީތީއެވެ. ރަޔާން ލިމްޔާގެ ކޮނޑުމަތީގައި އަތް ބާއްވައިލީ ހިތްވަރުދިނުމުގެ ގޮތުންނެވެ.
ރަޔާންގެ އެ އަމަލުން ލިމްޔާ އިތުރަށް ހިތުގައި ޖެހުނެވެ. ރޮވެން ފެށުނެވެ. ރަޔާންގެ ކޮނޑުގައި ބޯ އަޅައިލީ އިހުތިޔާރުން ބޭރުގައެވެ. ރަޔާން ކުޑަކޮށް ސިހުނެވެ. އޭގެ ކުރިން ލިމްޔާއަކީ އެފަދަ ކަމެއް ކުރި ކުއްޖެއް ނޫނެވެ. މިހާރު ރަޔާނަކީ މީހެއްގެ ފިރިއެކެވެ. ލިމްޔާއަކީ އޭނާއަށް ހިލޭ އަންހެނެކެވެ. ލިމްޔާގެ ހިތް އެނގިހުރެ، ގާތްވާން ފުރުސަތު ދޭކަށް ރަޔާން ބޭނުމެއް ނުވިއެވެ.
"ލިމް ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު. ހިތްވަރުކުރަންވާނެ.." ލިމްޔާއާއި ދުރަށްޖެހިލަމުން ރަޔާން ބުނެލިއެވެ. "އަހަރެން ދާންވެއްޖެ. ލިމް ރެސްޓްކޮށްލާ!"
ލޯބިވާ މީހާގެ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުގައި އިނދެ، ހިތްފުރެންދެން ރޯލަން ލިމްޔާ ނުހަނު ބޭނުންވިއެވެ. ދުވަހަކުވެސް ނުލިބޭނެކަމަށް ހިތް ބުނަމުން ދިޔަނަމަވެސް، ރަޔާންގެ ކުރިމަތީގައި ހިތުގެ ހާލު ބަންޑުންކޮށްލަން ލިމްޔާގެ ހިތް އެދި ގޮވަން ފެށިއެވެ. އެއީ ލިމްޔާއަށް ލިބޭނެ ފަހު ފުރުސަތެވެ. އެ ފުރުސަތު ގެއްލިގެންދާކަށް އޭނާ ބޭނުމެއް ނުވެއެވެ.
"ރެން!" ރަޔާން ހިނގައިގަތުމުން، ލިމްޔާ ގޮވައިލިއެވެ. "މިކޮޅަށް ނުބަލައްޗޭ! ޕްލީޒް" ރަޔާން ފަސްއެނބުރި ބަލައިލަން އުޅުމުން ލިމްޔާ ބުނެލިއެވެ. ރަޔާންއާއި ކުރިމަތިލައިގެން ހުރެ، ހިތުގެ ހާލު ބަޔާންކުރަން ނުކުޅެދިދާނެތީ ލިމްޔާ ޖެހިލުންވީއެވެ.
"އައި ލަވް ޔޫ. އައި ލަވްޔޫ ސޯ މަޗް ރެން.." ލިމްޔާގެ ހިތުގައި ފެވިފައިވި ޖުމުލަތައް ތުންފަތާއި ހަމައަށް އައީ އެތައް ހިތްވަރަކުންނެވެ.
އެހާ ގިނައިރު ރުއިމުގެ ސަބަބުން ލިމްޔާގެ އަޑު ވަނީ ކުރެހިފައެވެ. އެތައް ދުވަހަކު ހިތުގައި ފޮރުވައިގެން އުޅުނު ބޮޑު ސިއްރު ހާމަކުރެވުމުން ލިމްޔާގެ ހިތަށް ލުޔެއް ލިބުނެވެ. އެކަމަކު، އެއީ އެ ސިއްރު ހާމަކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަން ލިމްޔާއަށް އެނގެއެވެ.
"އައި އޭމް ސޮރީ!" ރަޔާން ފަސްއެނބުރި ލިމްޔާގެ މޫނަށް ބަލައިލިއެވެ.
ލިމްޔާ ތެދުވިއެވެ. ރަޔާންގެ މޫނުގައި އަތް ޖައްސާލިއެވެ. ލޯބިން ފުރިގެންވީ ނަޒަރަކުން ރަޔާންގެ މޫނަށް ބަލަން ލިމްޔާ ހުއްޓެވެ. އެއީ އޭނާއަށް ރަޔާން އާއި އެހާ ގާތުގައި ހުރުމަށް ލިބޭނެ ފަހު ފުރުސަތެވެ.
"ކީއްވެ ސޮރީ ބުނީ؟ ހުރިހާވެސް މައްސަލައަކީ އަހަރެން. ލޯބިވެވުނީ އަހަންނަށް" ލިމްޔާ އަތް ތިރިކޮށްލީ އެގޮތް ބޭނުންވެގެނެއް ނޫނެވެ.
ލިމްޔާގެ ދުލުން ލޯބިވާ ވާހަކަ ބުނުމުން ރަޔާންގެ ހިތަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ކުރުވިއެވެ. ލިމްޔާ އާއި މެދު ހަމްދަރުދީ ވެވުނެވެ. ރަޔާންއަށް އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓައެއް ނުލެވުނެވެ. ކުށްވެރިއަކީ ރަޔާނެވެ. އަންހެންކުއްޖަކާއި ފިރިހެންކުއްޖެއްގެ މެދުގައި ގާތް އެކުވެރިކަމެއް ނުބޭއްވޭނެއޭ ކިތަންމެ ބަޔަކު ބުންޏެވެ. ރަޔާންއަށް އެކަން ގަބޫލުނުކުރެވުނީއެވެ. އެކުވެރިކަމަށް މަގުކޮށުނީ އެފަދަ އަޑުތަކަށް ބީރު ކަންފަތެއް ދީފައެވެ.
ކަރުނައަކީ ރަޔާންގެ ބަލިފަޔެވެ. ލިމްޔާގެ ކަރުނަތަކުން ރަޔާންގެ ހިތުގައި ކޫރުމެއް އެޅުނެވެ. ޔަލްވީގެ ސަބަބުން ރަޔާންގެ ދިރިއުޅުމަށް އައި ތޫފާނުގެ އަސަރު ގާތް އެންމެންނަށް ކުރުވައިފިއެވެ.
"ލިމް ތިހެން ރޮންޏާ، އަހަރެން ކިހިނެތް ދާނީ؟" ރަޔާން ދޫކޮށްލީ ފުން ނޭވާއެކެވެ.
"ނުދޭ..." ލިމްޔާ އެދުނެވެ.
ރަޔާންއާއި އޭނާގެ މަންމަ، ހިތާމައިގައި ވީ ދުވަހު އެހީވީ ލިމްޔާއެވެ. މިއަދު ލިމްޔާ ހިތާމައިގައި ވަނިކޮށް، އެކަނިކޮށްލާފައި، ރަޔާން ދާނީ ކިހިނެއް ހެއްޔެވެ؟ ރަޔާން ހުރީ ދެހިޔާލެއްގައެވެ. އެއްކޮޅުން ކައިވެންޏެވެ. އަނެއްކޮޅުން އެކުވެރިކަމެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލުމާއިއެކު ރަޔާންގެ ދެލޯ ބޮޑުވިއެވެ. މެހެމާނުންނަށް ދައުވަތު ދެވިފައިވާ ގަޑި ފާއިތުވެ، އިތުރަށް ދިހަ މިނެޓު ހިނގައިފިއެވެ. ރަޒީނާއަކީ ކަންކަމާއި ވަރަށް އަވަހަށް ހާސްވެ، ނުތަނަވަސްވާ މީހެކެވެ. ރަޔާން ނެތްކަން އެނގޭ ހިސާބުން ރަޒީނާ ހާސްވާނެއެވެ.
"ލިމް! އަހަރެން ދާންޖެހިއްޖެ!" ރަޔާން ދާން ހިނގައިގަތެވެ.
"ރެން ޕްލީޒް ނުދޭ. ޕްލީޒް" ރަޔާންގެ އަތުގައި ހިފާލަމުން ލިމްޔާ ބުނެލިއެވެ.
ލިމްޔާ ހީވަނީ މޮޔަވެފައިވާ މީހެއް ހެންނެވެ. ބޭނުންވާ އެއްޗެއް އަތްމަތިން ބީވެގެން ގޮސްދާނެތީ އުޅޭފަދައިން ލިމްޔާ ހުރީ ރަޔާންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ.
********
ރަޒީނާގެ އެތައް މަސައްކަތަކުން ރަޔާން ދިޔައީ އަފްސަމްއާއި އެކީގައި ކަން އެނގުނެވެ. ރަޔާންގެ ހަބަރެއް ނުވެގެން ހަފުލާއަށް އައިސްތިބި މީހުން ފާޑުފާޑުގެ ވާހަކަތައް ދައްކާ އަޑު އިވެނީ ރަޒީނާއަށެވެ. ރަޒީނާ އަފްސަމްގެ ނަންބަރު ހޯދައިގެން ގުޅިއެވެ.
"ހަލޯ؟" ރަޒީނާ ހީކުރި ވަރަށްވުރެ އަވަހަށް އަފްސަމް ފޯނު ނެގިއެވެ.
"އަފްސަމް ދަރިފުޅާ! މީ މަންމަ އޭ. ރަޔާން އެބަހުރިތަ ތިތާ؟" ހިތް އަވަސްވެފައިވާވަރުން ނޭވާއެއްވެސް ނުލައި ރަޒީނާ ވާހަކަ ދެއްކިއެވެ. "ފޯނުވެސް ނިވާލާފަ އޮތީ. މަންމަ ވަރަށް ހާސްވެފަ މިހުރީ. ދަރިފުޅާއެކީ އެއްނު ރަޔާން ދިޔައީ"
"މަންމަ މާ އަވަހަށޭ ތި ހާސްވަނީ" ޗޮކެއް ކަނޑާލަމުން އަފްސަމް ބުނެލިއެވެ. "ރަޔާން އެބަހުއްޓޭ މިތާ. ޕާޓީގެ ކުރިން ނިންމަންޖެހޭ ކަމެއް ޖެހިގެން މިއައީ. ދާން އުޅެނިކޮށް ތިގުޅީ"
އަފްސަމްގެ ވާހަކަތަކުން ލިބުނު ހަމަޖެހުމުގައި، ރަޒީނާ ފޯނު ބޭއްވިއެވެ. ހަގީގަތުގައި އަފްސަމްވެސް ހުރީ ހާސްވެފައެވެ. ރަޔާން ހަފުލާ ދޫކޮށް ނުކުތީ، ކުޑަ ވަގުތުކޮޅަކަށް ކަމަށް ބުނެއެވެ. އެކަމަކު، އެފަދަ ވަގުތެއްގައި ލިމްޔާގެ ގެއަށް ވަދެ، ރަޔާން ކުރަނީ ކީއްހެއްޔެވެ؟ ލަސްވަނީ ކީއްވެ ހެއްޔެވެ؟ ރަޒީނާ ގުޅި ހަބަރު ރަޔާންއަށް ދޭން އަފްސަމް އަވަސްވެގަތެވެ.
"ރަޔައް....." ގޭތެރެއަށް ވަދެ، ރަޔާންއަށް ގޮވާލުމަށް އަނގަ ހުޅުވާލި އަފްސަމްއަށް ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ.
ލިމްޔާ ހުރީ ރަޔާންގެ އަތުގައި ހިފައިގެންނެވެ. ރަޔާން ހުރީ ގޮތް ހުސްވެފައިވާފަދަ ގޮތަކަށެވެ. ރަޔާން އާއި ލިމްޔާ އާއި ދެމީހުންގެ ދޭތެރޭގައި ވަނީ ކޮންކަހަލަ ގުޅުމެއް ހެއްޔެވެ؟ ޔަގީނުންވެސް އެއީ އެކުވެރިކަމެއް ނޫނެވެ. ލިމްޔާގެ މޫނުން ފެންނަމުންދިޔަ އިހުސާސްތަކާއި، ލޮލުން އޮހެމުންދިޔަ ކަރުނަތައް އެކަމަށް ހެކިދެއެވެ.
"ރަޔައްޓޭ!" އަޑަށް ބާރުލަމުން އަފްސަމް ގޮވައިލިއެވެ.
ލިމްޔާ ތެޅިގަތެވެ. އެއްޗެއް ވިސްނުނު ފަދައިން ރަޔާންގެ އަތުން ދޫކޮށްލިއެވެ. ލިމްޔާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.
"ހިނގާ އަވަހަށް" ރަޔާން އެއްޗެއް ބުނުމުގެ ކުރިން އަފްސަމް ބުނެލިއެވެ. "މިހާރު މާބޮޑަށްވެސް ލަސްވެއްޖެ. މަންމަވެސް ގުޅައިފި މިހާރު"
ރަޔާން ހީކުރިގޮތާއި ހިލާފަށް، އަފްސަމް އެއްވެސް ސުވާލެއް ނުކުރެއެވެ.
"މަންމަ ވަރަށް ކަންބޮޑުވެފަ ހުރީ. އަހަރެން ބުނިން ވަރަށް އަވަހަށް އެބަ ދަމޭ. އެހެން ބުނީމަ ހަމަޖެހިފަ ހުރީ. ދާއިރަށް އަހާނެ ކީއްކުރަންތޯ ބޭރަށް ދިޔައީ. ޖަވާބެއް އެބައޮތްތަ؟" ސައިކަލު ދުއްވާލަމުން އަފްސަމް އަހައިލިއެވެ. އަފްސަމް ވިސްނީ، އެކުވެރިޔާ ސަލާމަތް ކުރެވޭނެ ގޮތަކާއިމެދުގައެވެ.
"ނެތް" ރަޔާން ދިނީ ކުރު ޖަވާބެކެވެ.
"އެކަމާ ހާސްނުވޭ! އަހަރެން އެބައި ހަމަޖައްސާލާނަން" އަފްސަމް ބުނެލިއެވެ. "ރަޔައްޓެ ނުވާނެ އެއްޗެއް ބުނެގެން"
"ތޭންކްސް" އަފްސަމްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން ރަޔާން ބުންޏެވެ.
"މަންމަގެ ހާލު އެނގުނަސް، ކަމަނާފާނުގެ ހާލަތު ހުރިގޮތެއް ނޭނގެ. މިހާރު ހުންނާނީ ނަރުގަނޑުގަ ކަންނޭގެ. ދޮން މަޑުކުރަން މި ހިފައިގެން ދޭ" ސްކޫލު މަގަށް އެޅުމާއިއެކު އަފްސަމް ތަންކޮޅެއް ދުރުގައި ސައިކަލު ޕާކު ކުރިއެވެ. އޭގެ މަޑިދަށުން ނެގި މާ ރަޔާންގެ އަތަށް ލައިދިނެވެ.
"މީ ކޮންއިރަކު ކުރި ކަމެއް؟" ރަޔާން ހައިރާންވެފައި ސުވާލުކުރިއެވެ.
"ފޫހިވެގެން ކުރެވުނު ކަންތައް ތީ. އާނ ކަނދުފޮއްޗެއްހެން ގެއެއްގެ ކުރިމަތީ ބަހައްޓައިފިވިއްޔަ" އަފްސަމް ހީގަތެވެ. "ނަސީބެއްނު އަމީރައްތަ އެންމެ ލޯބިން ބޮޑުކުރި މާ ބިނދެނުލެވުނުކަން. އަނެއްކާ އަމީރާއްތަ ކައިރީ ބުނާނީކީ ނޫން އެގޭ ގަހުގަ ފޮޅިފަ އިން މާ ބިނދެލީ އަހަންނޭ"
********
"އެ އަންނަނީ ރަޔާން އެއް ނޫންތަ؟" ރަޔާން ވަދެގެން އައި ދިމާއަށް އިޝާރާތް ކުރަމުން ނަފީސާ ބުނެލިއެވެ.
ނަފީސާގެ އަޑަށް ނިމާލު އަވަސް އަވަހަށް އެދިމާއަށް ބަލާލިއެވެ. އަފްސަމްއާއިއެކު އެތެރެއަށް ވަދެގެން އައީ ރަޔާނެވެ. ކުރިއާއި ހިލާފަށް ރަޔާންގެ މޫނު ވަނީ އިތުރަށް މިލައިގެން ގޮސްފައެވެ. ރަޔާން ގޮސް ހުއްޓުނީ ރަޒީނާގެ ކައިރީގައެވެ. ނިމާލު އެދިމާއަށް ހިނގައިގަތެވެ.
"ދަރިފުޅާ!" ރަޔާން ފެނުމުން ރަޒީނާއަށް ގޮވާލެވުނީ ޝަކުވާގެ ރާގެއްގައެވެ.
"ރަޔައްޓެ ފަޓުލޫނުގަ ކުޑަ މައްސަލައެއް އުޅޭތީ، ބަދަލުކުރަން ދިޔައީ. ހާދަ ބޮޑަށޭ ފަތިންގޮއްސަ އޮތީ. ނަސީބެއްނު އެހެންމީހަކަށް ނުފެންނަނީސް އަޅުގަނޑަށް ފެނުނުކަން. ލަދުން ރަޔައްޓެއަށް މީހެއްގެ ކައިރީ ބުނަން ނުކެރިފަ ހުރީ" ނިމާލު އައުމުން އަޑު އިއްވައިލުމުގެ ގޮތުން އަފްސަމް ދޮގެއް ހަދައިލިއެވެ.
ރަޔާން އަފްސަމަށް ބަލައިލަމުން ދެލޯ ހަނިކޮށްލިއެވެ. ދޮގު ހެދުމަށް އަފްސަމް ކުޅަދާނައެވެ. އެކަމަކު، އަފްސަމް ދެއްކި ވާހަކައިން ލަދުންގޮސް ރަޔާންގެ ބޯ ފަޅައިގެންދާވަރު ވިއެވެ.
"ކޮންކަހަލަ ވާހަކައެއް ތިދެއްކީ؟" އެހެން މީހުންނަށް ނީވޭނޭހެން އަފްސަމްގެ ކޮނޑުގައި ޖެހިގަނެފައި ރަޔާން ބުނެލިއެވެ. އަފްސަމް ހެމުން ރަޔާނާއި ދުރަށް ދިޔައެވެ.
********
ތޫބާމެންނާއިއެކު އެތެރެއަށް ވަދެގެން އައި ޝިފާން ފެނުމުން ޔަލްވީގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ޝިފާން އައީ ޔަލްވީ ދައުވަތު ދީގެން ނޫނެވެ.
"ހާއި" ސަލާމަށް އަތް ދިއްކޮށްލަމުން ޝިފާން ބުނެލިއެވެ. "ކޮންގްރާ"
"ކީއްވެ އިންވައިޓް ނުކުރާ މީހުން ޕާޓީއަށް އަންނަނީ؟" ޔަލްވީ ހިތްހަމަނުޖެހިފައި ޝިފާންގެ މޫނަށް ބަލައިލިއެވެ.
ޝިފާން ހީގަތެވެ. އަތް ތިރިކޮށްލިއެވެ. ޔަލްވީއަކީ ގޮތްދޫކުރާނެ ކުއްޖެއް ނޫނެވެ.
"ކޮބާ ހަޒްބަންޑް؟ ބައެއް ކަހަލަ ކުދިން ކައިރީ ފިރިހެނުން ހަރެއް ނުލާނެ" މާނައިން ފުރިގެންވީ ރާގަކަށް ޝިފާން ބުނެލިއެވެ.
"ވަޓް؟" ޔަލްވީ ރުޅިގަދަވެގެން ތަންކޮޅެއް ކުރިއަށް ޖެހުނެވެ.
"ހަމަޖެހޭ" ދެމީހުންގެ ދެމެދަށް ވަނީ ރަނާއެވެ. ރަނާ ޝިފާން ގޮވައިގެން ޔަލްވީއާއި ދުރަށް ދިޔައެވެ.
"ސޮރީ!.. ޝިފާންއަށް އިންވައިޓް ކުރީ އަހަރެން" ޝިފާންމެން ދިޔުމުން ތޫބާ ބުނެލިއެވެ. "އަހަރެން ހީކުރީ ތިދެމީހުން އަދިވެސް..."
"ހިނގާބަލަ!" މުނީފާ ތޫބާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ދިޔައެވެ.
ހަފުލާގެ ކަންކަން އަމާން އޮމާންކޮށް ނިމިގެން ދިޔައެވެ. ނިމާލު ހުރީ ހިތްހަމަޖެހިފައެވެ. ޔަލްވީގެ ފަރާތުން މާ ބޮޑުކަމެއް ދިމާނުވެ، ހަފުލާގެ ކަންކަން ނިމިގެން ދިޔުމުންނެވެ. ފަހު ބަޔަކަށް ހަފުލާފައި ތިބީ ދެފަރާތުގެ އާއިލާއެވެ. ނަފީސާ ހުރީ ޔަލްވީގެ ގައިގައި ހިފަހައްޓާލައިގެންނެވެ. ދަރިފުޅާއި ވަކިވާންޖެހޭތީ ނަފީސާގެ މޫނުން ފެންނަމުންދިޔައީ މާޔޫސްކަމެވެ.
(ނުނިމޭ)