31 Aug 2024, 20:12
ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއަށް ކުޅެމުންދާ އުރުގުއާއީގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ މަނުއެލް އުގާޓު އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތިގައި އުގާޓު ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ވިޔަފާރީގެ އަގު 50.5 މިލިއަން ޕައުންޑަށް އެރުމަކީ ގާތްކަމެކެވެ.
އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން އެންމެ ފުރަތަމަ 42.1 މިލިއަން ޕައުންޑް ޕިއެސްޖީއަށް ދިއުމަށް ހަމަޖެހިފައިވާއިރު އިތުރު 8.4 މިލިއަން އެހެން ކަންތައްތަކާއި ގުޅުވައިގެންދިނުމަށް ވަނީ އެއްބަސްވެވިފައެވެ.
އުގާޓުއަކީ އާ ސީޒަނަށް ޔުނައިޓެޑުން އެޓީމަށް ގެންދިއުމަށް އެންމެ ބޮޑަށް ބޭނުންވެފައިވި ކުޅުންތެރިޔާއެވެ. އަދި މިކަމާ ގުޅޭގޮތުން ކުޅުންތެރިޔާ އާއި ޕީއެސްޖީ އާއި އެ ޓީމުން ވާހަކަދައްކާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.
އުގާޓު ވެފައިވަނީ މިސީޒަނަށް ޔުނައިޓެޑުން އެ ޓީމަށް ގެންދިޔަ ފަސްވަނަ ކުޅުންތެރިޔާ އަށެވެ. އަދި މިސީޒަނަށް އެޓީމުން ކުޅުންތެރިން ގެންދިއުމަށް ހޭދަކުރި މިންވަރު މިހާރުވަނީ 190 މިލިއަން ޕައުންޑަށްވުރެ މައްޗަށް ގޮސްފައެވެ.
ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން މިދިޔަ ސީޒަންގައި 50.5 މިލިއަން ޕައުންޑްގެ އަގަކަށް ޕީއެސްޖީއާއި ގުޅުނު އުގާޓު ވަނީ އެޓީމަށް 37 މެޗު މިދިޔަ ސީޒަންގައި ކުޅެދީފައެވެ.
އުގާޓުވަނީ ޔުނައިޓެޑް ފަދަ ވަރުގަދަ ތާރީހެއް އޮތް ބޮޑު ކްލަބަކަށް ބަދަލުވެވުމުން ވަރަށް އުފާކުރާކަމުގައި ހާމަކޮށްފައެވެ. އުގާޓު ހާމަކުރިގޮތުގައި އޭނާއަކީ ކާމިޔާބީ ބޭނުންވާ ކުޅުންތެރިއެއް ކަމަށާއި އަދި ޓީމަށް ކާމިޔާބީ ހޯދާދިނުމަށް އޭނާ ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުންނާނެއެވެ.