26 Jun 2012, 14:25
ދެހާސް ދިހަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފުޓްބޯޅަ މެޗެއް ކުޅެނިކޮށް ހިނގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ، މުހައްމަދު ހުސެއިން މަރާލި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ލިބޭ ހަ ކުދިންގެ މައްޗަށް ހުކުމް އިއްވުން އަންނަ މަހަށް ޝެޑިއުލްކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާފައިވާ ކމަށެވެ. އަދި އެ މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލީސް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
މި މައްސަލައިގައި ދައުވަ ކުރާ ކުދިންގެ ތެރޭގައި ގ. ވޭރު، އަބްދުލް މުހީތުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ 18 އަހަރުން ދަށުގެ ކުއްޖަކާއި މީހަކު ވެސް ހިމެނެ އެވެ.
އޭނާ ވިދާޅުވީ މުހައްމަދު ހުސެއިންގެ މަރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލިއިރު އެ ހަ ކުދިންގެ ތެރޭގައި ހިމެނެނީ 16 އަހަރާއި 17 އަހަރުގެ ކުދިން ކަމަށެވެ. ނަމަވެސް މިހާރު އެ ހަ މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ ތިން މީހަކާއި 19 އަހަރުގެ މީހަކާއި އަދި 20 އަހަރާއި 22 އަހަރުގެ މީހެއް ކަމަށެވެ.
އެ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ފަސް މީހެއްގެ ހެކިބަސް ވަނީ ނަގާފައެވެ. ނަމަވެސް ހެކިބަހުގެ ތަފުސީލެއް ކޯޓަކުން ނުދެ އެވެ.
މި އެންމެންގެ އިތުރުންމުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާ އެވެ.
ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 6 މާއްދާގެ (ހ) ގެ ދަށުންނެވެ. އެ މައްދާގެ (ހ) ގައި ބުނަނީ ޓެރަރިޒަމްގެ ކުށެއްގައި މީހަކު މަރުވެއްޖެނަމަ އެ ކުށްކުރި މީހާގެ އަދަބަކީ މެރުމެވެ. ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުމެވެ. މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވީ މީހެއްގެ އަދަބަކީ ވެސް އެއީ ކަމަށާއި އެފަދަ މައުލޫމާތެއް ސިއްރު ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުން ކަމަށް ވެސް އެ މާއްދާގައި ވެއެވެ.