އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ޖޭޑަން ސަންޗޯ، ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ބަދަލުވެއްޖެއެވެ.

މިއެއްބަސްވުމުގެ ދަށުން މިއަންނަ ސީޒަންގައި 20އާއި 25 މިލިއަން ޕައުންޑާ ދެމެދުގެ އަގެއްގައި ޗެލްސީިން ސަންޗޯ ދާއިމީކޮށް އެޓީމަށް ސޮއި ކުރުމަށް ލާޒިމްކޮށްފައިވެއެވެ. އުމުރުން 24 އަހަރުގެ ސަންޗޯ ޔުނައިޓެޑާ ގުޅިފައިވަނީ 2021ވަނަ އަހަރުގެ ޖުލައި މަހު ޖަރުމަނު ބުންޑެސްލީގާގެ ބޮރުޝިއާ ޑޯޓްމުންޑްއިން 73 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ނަމަވެސް އޭނާ ޑޯޓްމުންޑްގައި ދައްކަމުންދިޔަ މޮޅު ކުޅުން ޔުނައިޓެޑްގައި އެންމެ ފުރިހަމައަށް ދެއްކޭގޮތެއްނުވިއެވެ. ސަންޗޯ ޔުނައިޓެޑްގައި ހޭދަކުރި ތިން ސީޒަންގައި ކުޅެވިފައިވަނީ 83 މެޗެވެ. އަދި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާ ޖެހުނު މައްސަލައަކާ ގުޅިގެން އޭނާ ޓީމުން މިދިޔަ ސީޒަންގައި ބާކީކޮށް އެންމެ ފަހުން ސީޒަން ހޭދަކޮށްފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޑޯޓްމުންޑްގައެވެ.

މިސީޒަންގައި އޭނާ ޔުނައިޓެޑްގެ ސީނިއާ ޓިމާއެކު ފަރިތަކޮށް ޕްރީ ސީޒަންގެ ބައެއް މެޗުތަކުގައި ކުޅުނު ނަމަވެސް ސީޒަން ފެށުނު އިރު އޭނާއަށް ޓީމުން ޖާގަލިބިފައެއް ނުވެއެވެ.

ޗެލްސީން އެޓީމަށް ސަންޗޯ ގެންގޮސްފައިވާއިރު އެޓީމަށް މިހާރުވެސް ވަނީ ކުޅުންތެރިން ގިނަވުމުގެ މައްސަލަ ކުރިމަތިވެފައެވެ. އެ ޓީމުގައި ކުރިއަށް ކުޅޭ ކުޅުންތެރިންގެ ލިސްޓުވެސް ވަރަށް ގިނައެވެ.

ނަމަވެސް ޗެލްސީން ހާމަކުރާގޮތިގައި ސަންޗޯ ލިބިފައިވަނީ ވަރަށް ރަނގަޅު އަގަކަށެވެ. އަދި ޗެލްސީގައި ކުރިން މެންޗެސްޓާ ސިޓީގައި މަސައްކަތް ކޮށްފައިވާ ބެކް ރޫމް ސްޓާފުން ތިބުމާއި އެޓީމުގެ މިހާރުގެ ކޯޗު އެންޒޯ މަރެސްކާގެ ސިސްޓަމަށް ސަންޗޯ ފެއްތި ދާނެކަމަށް ގަބޫލް ކުރެވޭތީ އޭނާ ގެންދިޔައީއެވެ.

މަރެސްކާއަށް ސަންޗޯ އެނގޭ ކަމަށާއި ސަންޗޯ ރަނގަޅަށް ފޯމަކަށް އެޅުމުން ޗެލްސީއަށް ވަރަށް ފައިދާ ކުރާނެ ކަމުގައި އޭނާ މީގެ ކުރިން ހާމަކުރިއެވެ.