މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ވަރުގަދަ އެކްޝަން ތުރިލާ ފިލްމު "ކިލް" ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

މިފަހުން އިންޑިއާގެ ސިނަމާތަކުން ފެނުނު އެންމެ އަނިޔާވެރި ލޭ އޮހޮރުވުން ދައްކުވައިދޭ މި ތުރިލާ ފިލްމު ހޮޓްސްޓާގައި ރިލީޒްކުރަން ނިންމާފައި ވަނީ މި ފެށޭ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. ޑައިރެކްޓަރު ނިކިލް ނާގޭޝް ބަޓްގެ މި ފިލްމަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރު އަދި އޮސްކާ އެވޯޑު ކާމިޔާބުކޮށްފައިވާ ގުނީތު މޮންގާ ޕްރޮޑިއުސްކޮށް ދެ މީހުންގެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދިން ފިލްމެކެވެ.

ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފްވި އެކްޓަރު ލަކްޝްޔަ އަދި ބަތަލާ ތާންޔާ މަނިކްތާލާ މުހިއްމު ރޯލް ކުޅެފައިވާ މި ފިލްމުގެ ވަރަށް އަނިޔާވެރި ރޯލަކުން ޒުވާން ނެށުންތެރިޔާ އަދި ޝޯ ހޯސްޓު ރާގަވް ޖުޔަލް ފެންނާނެއެވެ.

ބަތަލާ ތާންޔާ އަކީ 2020ވަނަ އަހަރު ރިލީޒްވި މަޝްހޫރު އިނގިރޭސީ ޓެލެވިޒަން ސީރީސް "އަ ސޫޓަބްލް ބޯއި"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާއެކެވެ.

ފިލްމު "ކިލް"ގެ މަންޒަރެއްގައި ތާންޔާ--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ނިކްލް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ޑައިރެކްޓަރު ނިކިލް ނާގޭޝް ބަޓްއަށް މީގެ އަހަރުތަކެއް ކުރިން ކުރެވުނު ބަޔާންކުރަން ވެސް ދަތި ހާދިސާއެއްގެ ތަޖުރިބާއެއްގެ މައްޗަށެވެ. މި ފިލްމަކީ އެކްޓަރު ލަކްޝްޔަ އަދި ރާގަވްއަށް ވެސް ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކަށް ތައްޔާރުވުމަށް ތަމްރީނުތައް ވެސް ފުރިހަމަކުރީ ދެ މީހުން އެކީގައި ކަމަށް ދެ ތަރިން ވަނީ ބުނެފައެވެ.

މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމުގެ ކުރިން ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޗާޑު ސްޓެހެލެސްކީގެ ފިލްމު ކުންފުނިން ވަނީ ފިލްމުގެ ރިމޭކް ހަދަން ނިންމާ އޭގެ ކޮޕީ ރައިޓްސް ވެސް ގަނެފައެވެ.

ޗާޑް ބުނެފައިވާ ގޮތުގައި ފިލްމު "ކިލް" އަކީ މިފަހުން އޭނަ ބެލި އެންމެ ވަރުގަދަ އެކްޝަން ފިލްމެވެ. މަޝްހޫރު ހޮލީވުޑް ފިލްމު "ޖޯން ވިކް"ގެ ޕްރޮޑިއުސަރު ފިލްމި ބެލީ މިދިޔަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ޕްރީމިއާގައެވެ.