ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ގައްލީ ބޯއި" އަދި "ގެހެރައިއާން" ފަދަ ފިލްމުތަކުން މޮޅު އެކްޓިން ހުނަރު ދައްކުވައިދިން ޒުވާން އެކްޓަރު ސިދާތު ޗަތުރުވެދީގެ ފިލްމު "ޔުދުރާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން މި ފިލްމުގެ ޕޯސްޓަރުތައް ސޯޝަލް މީޑިއާގައި ދައުރުވެ ގިނަ ބައެއްގެ ސަމާލުކަން ހޯދިއިރު ފިލްމުގެ ޓްރެއިލާއަށް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރިއެވެ. މީގެކުރިން ސިދާތު ފެނިފައިވާ ފިލްމުތަކުގައި ކުޅެފައި ވަނީ ޒުވާނުންނާ ވަރަށް ގުޅޭ ރޯލްތަކެވެ.

ނަމަވެސް ފިލްމު "ޔުދުރާ"ގައި ސިދާތު ދައްކާލީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. ވަރަށް ރުންކުރު ރުޅިގަދަ މީހެއްގެ ގޮތުގައި ސިދާތު ފެންނާނެ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ. މި ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ދާދިފަހުން ރިލީޒްކުރި ދަރުމާ ކުންފުނީގެ ފިލްމު "ކިލް"ގެ ވިލެންގެ ރޯލް ކުޅެފައިވާ ރާގަވް ޖުޔެލް މި ފިލްމުގެ ވިލެންގެ ރޯލް ކުޅެފައިވުމާއެކުއެވެ.

ފިލްމު "ޔުދުރާ"ގެ މަންޒަރެއްގައި ސިދާތު އަދި ރާގަވް--ފޮޓޯ/ކޮއިމޮއި
ފަރުހާން އަޚްތަރުގެ ފިލްމު ކުންފުނިން ގެނެސްދޭ މި ފިލްމުގައި ސިދާތާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ މަލަވިކާ މޯހަނަންއެވެ. މީގެ ތިން އަހަރު ކުރިން އިއުލާނުކުރި މި ފިލްމުގެ މަސައްކަތް މި އަހަރުގެ މާޗު މަހު ނިންމާލުމަށްފަހު ފިލްމު ރިލީޒް ކުރާނެ ތާރީޚެއްގެ ގޮތުގައި އިއުލާނުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

މި ފިލްމުގައި ސިދާތު ކުޅޭ ރޯލަށް ތައްޔާރު ވުމުގެ ގޮތުން އޭނާ ވަނީ ވަރަށް ހާއްސަ މާޝަލް އާޓްސް ތަމްރީނުތަކެއް ވެސް ފުރިހަމަކޮށްފައެވެ. ސިދާތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ކޯ ގައޭ ހަމް ކަހާ"އިންނެވެ. ފިލްމު "ޔުދުރާ"އަށް ފަހު ސިދާތު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ދަރުމާ ކުންފުނީގެ ކާމިޔާބު ލޯބީގެ ފިލްމު "ދަޅަކް2"އިންނެވެ.