ޔޫރަޕްގެ އެކި ގައުމުތަކަށް ހަމަލާދިނުމަށް އަލްގައިދާއިން ޔޫރަޕް މީހަކު ތަމްރީނުކޮށްފައިވާ ކަމަށް ޔޫރަޕްގެ ސެކިއުރިޓީ އެޖެންސީތަކުން ތުހުމަތުކޮށްފި އެވެ.

ޔޫރަޕްގެ ސެކިއުރިޓީ އެޖެންސީތަކުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އޭޕީ އިން ބުނީ އިސްލާމްވުމަށް ފަހު އަލްގައިދާއާ ގުޅިފައިވާ މީހާއަށް އެޖަމާއަތުން މިހާރު ވަނީ ތަމްރީނު ދީފައި ކަމަށާއި އޭނާ ހުރީ އެ ޖަމާއަތުގެ އޯޑަރެއްގެ އިންތިޒާރުގައި ކަމަށެވެ.

އޭޕީން ބުނީ އިސްލާމްވެ، އަލްގައިދާއާ ގުޅިފައިވާ ނޯވޭއަށް އުފަން އަދި އެ ގައުމުގެ ރައްޔިތެއްގެ ގޮތުގައި ހުރި މީހާ މިހާރު ހުރީ އޮޕަރޭޝަންތައް ހިންގޭ ފަދަ ގޮތަކަށް ކަން ޔޫރަޕްގެ ސެކިއުރިޓީ އެޖެންސީތަކުގެ ބައެއް އޮފިޝަލުން ކަށަވަރުކޮށްދޭ ކަމަށާއި އނަމަވެސް އެ އޮފިޝަލުން ނަން ހާމަ ނުކޮށް ވާހަކަ ދައްކަނީ އެމައްސަލައާ މެދު ވާހަކަ ދެއްކުމުގެ ހުއްދަ ނެތުމުން ކަމަށެވެ. އަދި އެއްވެސް ކުށެއްގެ ތުހުމަތު މިހާތަނަށް ކުރެވިފައި ނުވާ އެ މީހާގެ ނަން ވެސް ހާމަ ކުރެވެން ނެތް ކަމަށް އެ އޮފިޝަލުން ވިދާޅުވާ ކަމަށެވެ.

"އަހަރެމެން ގަބޫލުކުރަނީ އޭނާ ހުރީ އޮޕަރޭޝަންތައް ހިންގޭ ގޮތަށް ކަމަށް އަދި، ހަމަލާދޭންވީ ކޮން އަމާޒަކަށްކަން [އަލްގައިދާއިން] އަންގާނެ އިރެއްގެ އިންތިޒާރުގައި ކަަމަށް، އަމާޒަކީ ފަހަރެއްގައި ހުޅަނގުގެ ތަނަކަށް ވެދާނެ،" ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ އޭޕީގައި ވެއެވެ.

"އަހަރެންނަށް އެނގިފައިވާ ގޮތުން ހަމަލާ ދޭނެ ވަކި އަމާޒެެއް އަދި ކަނޑައެއް ނޭޅޭ،" ޔޫރަޕްގެ ދެވަނަ ގައުމެއްގެ ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވި ކަމަށް އޭޕީގައި ވެއެވެ.

ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓުންގެ ތަމްރީނު ކޭމްޕްތަކަށް ގޮސް މީހުން ތަމްރީނު ވެދާނެ ކަމުގެ ބިރު އެބައޮތް ކަަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ފާއިތުވި ދެތިން އަހަރުވެސް ދިޔައީ ބުނަމުންނެވެ. އަދި އެފަދަ މީހުން ވާނީ މުސްލިމް ގައުމުތަކާ ނަސްލީ ގޮތުން ގުޅިފައިވާ މީހުންނަށް ކަމަށް ވެސް އެގައުމުތަކުން ދިޔައީ ބުނަމުންނެވެ. އެ ގައުމުތަކުގެ ތެރޭގައި ނޯވޭ ވެސް ހިމެނެ އެވެ.

ނަމަވެސް މިފަހަރު މައުލޫމާތު ލިިބިގެން އުޅޭ މީހާ އިސްލާމްވީ 2008 ވަނަ އަހަރު ކަމަށް ނަން ހާމަ ނުކުރާ އޮފިޝަލުން ވިދާޅުވެ އެވެ.

އޭޕީއާ ވާހަކަ ދެއްކި ޔޫރަޕްގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ޝައްކު ކުރެވޭ މީހާއަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮތް މީހެެއް ނޫން ކަމަށާއި އެހެންވީމާ އެއީ އަލްގައިދާއަށް ރެކްރޫޓްކުރަން އެންމެ އެކަށީގެންވާ މީހެއް ކަމަށެވެ.

"އޭނާއަކީ ހަމަ މުޅިން ސާފު މީހެއް، އެހެންވީމާ ކޮންމެ ތަނަކަށް ވެސް ދަތުރު ކުރެވޭނެ،" އޭޕީއާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

އޭޕީގެ ރިޕޯޓަށް އެމެރިކާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.