މާފަންނު ގެއެއްގައި ރޭ އަންހެނަކު ރަހީނުކުރި އަހުމަދު އަޙުތަރު ހޮޑުލާތީ އޭނާގެ ހާލަތު ބެލުމަށް އައިޖީއެމްއެޗް އޮބްޒަވޭޝަންގައި ބާއްވާފައި އޮތް ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މި މައްސަލާއާ ގުޅުވައި މިރޭ ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަހުތަރަށް އޭޑިކޭގައި ފަރުވާ ދިނުމަށްފަހު މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް، އަހުތަރު ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލަތުގެ އިތުރަށް ބެލުމަށް މި ވަގުތު އައިޖީއެމްއެޗް އޮބްޒަވޭޝަންގައި ބާއްވާފައި އޮތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެކުރިން ފުލުހުން ބުނީ، ބަންދުކޮށްފައިވާ އަންހެން މީހާއަށް އެ ގޭތެރޭގައި އަނިޔާކޮށް އަދި މަގުމައްޗަށް ނެރެ ވެސް އަނިޔާ ކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންހެން މީހާ ސަލާމަތްކުރަން އުޅެފިނަމަ މަރާލާނެ ކަމަށް ބުނެ އޭނާ ހިފަހައްޓައިގެން ހުރި ފިރިހެން މީހާ އެ އަންހެން މީހާގެ ކަރުގައި ވަޅިޖައްސާ އިންޒާރު ދިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ އަންހެން މީހާ ގޭތެރެއަށް ވައްދައި އަނިޔާކުރުމަށްފަހު އޭނާގެ ކަރުގައި ވަޅިޖައްސައިގެންހުރެ މަގުމައްޗަށް ނިކުމެ ސައިކަލަށް އަރައިގެން ގޮސްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މީގެއިތުރުން، އެކަމުގައި ހަރަކާތްތެރިވި، ފުލުހުންނާއެކު ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިއަދު ބައްދަލުކުރައްވާފައިވާއިރު، އެ ފުލުހުންގެ މަސައްކަތަށް ކޮމިޝަނާ ވަނީ ތައުރީފު ކުރައްވާފައެވެ.