30 Aug 2024, 22:41
ރައީސުލްޖުމްހޫރިިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން މިހާތަނަށް ކުރެއްވި އަމިއްލަފުޅު އެއްވެސް ދަތުރުފުޅެއްގައި ދައުލަތުގެ ފައިސާ ބޭނުންކުރައްވައިފައި ނުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޫސް ޗެނަލެއްކަމަށްވާ ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ރައީސްވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ކަންކަމަށް ދައުލަތުގެ ފައިސާ ބޭނުންކުރާކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކާ ގުޅޭޮތުން ކުރެވުު ސުވާލަށް ޖަވާބުދެއްވައިފައެވެ.
ރައީސް ވިދާޅުވީ އުސޫލުތަކުގައިވާ ގޮތުން އެ މަނިކުފާނުގެ އަމިއްލަފުޅު ދަތުރުފުޅުތަކަށް ވެސް ރަސްމީ ގެކޮޅު، މުލީއާގޭގެ ބަޖެޓުން އެ މަނިކުފާނަށް ބޭނުންކުރެއްވޭނެ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް އެ ބަޖެޓުން އަމިއްލަފުޅު އެއްވެސް ދަތުރުފުޅަކަށް ބޭނުން ނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުރުސަތު އޮތަސް އެ ކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެކަމު މިއަދާ ހަމައަށް އަޅުގަނޑުގެ އެއްވެސް އަމިއްލަ ދަތުރެއްގައި ޓިކެޓު ވިއަސް، އެކޮމޮޑޭޝަން ވިއަސް، އެއްވެސް ޚަރަަދެއް، އަޅުގަނޑުގެ ވެސް އަޅުގަނޑުގެ އަންހެނުން ވިޔަސް ކުދިން ވިޔަސް އެއްވެސް މީހެއްގެ ޚަރަދެއް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި ނޯންނާނެ އަމިއްލައަށް ނޫނިއްޔާ ކޮށްފައެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް ހުވާކުރެއްވުމަށްފަހު މުލީއާގޭ މަރަމާތުކޮށް ނިމެންދެން، އަމިއްލަފުޅު ގެކޮޅު މ. ދިމްޔާތުގައި ހުންނެވިއިރު ވެސް ހުރިހާ ޚަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ. އަދި އެ ޚަރަދު ދައުލަތަށް ބިލް ވެސް ނުކުރާކަމަށް ވިދާޅުވިއެވެ.
"ހުރިހާ ޚަރަދެއް މި ދެންނެވީ ސަރުކާރު ބަޖެޓުން އެއިރު ލާރި ނުނަގަމޭ. އެހެންވީމާ ކިރިޔާ ވެސް ވާން އޮތިއްޔާ އަޅުގަނޑު އަމިއްލައަށް ހުރިހާ ޚަރަދެއް ކުރާ މީހެއް މީ،" ރައީސް ވިދާޅުވިއެވެ.
ރައީސާއި ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް އާންމުކުރުމަކީ މި ސަރުކާރުން ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ. މީގެ ބޭނުމަކީ ވެރިން ކުރާ ޚަރަދުތައް ވެސް ދެފުށްފެންނަ ގޮތެއްގައި ކޮށް އިސްރާފު މަދުކުރުންކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެއެވެ.
އެ ސިޔާސަތުގެ ދަށުން، ރައީސް ޑރ. މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ވެސް އާންމުކުރެއެވެ.